ޚަބަރު

ބ.މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙުކޮށްފި


ބ.މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހުއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުﷲ އާއި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.

މާޅޮހު ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެރަށުގައި އެމަސައްކަތް ކުރަމުންދާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ އާބާދީގެ ގޮތުން މަދު ބަޔަކު ދިރިއުޅުނުކަމުގައި ވީނަމަވެސް އެކުންފުނީގެ މަސައްކަތް ބައްޓަން ކުރާނީ މާލެއެކޭ އެއްފެންވަރަށް އެހިދުމަތް ގާއިމްކޮށްދިނުމަށް ކަމަށެވެ. އަދި މިމަސައްކަތް މިރަށުގައި ކުރަމުން ދާއިރު ކައުންސިލާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެރަށު ރައްޔިތުންގެ ކިބައިން ޝާހް އެދިވަޑައިގެންނެވިއެވެ. އަދި ކަނޑައެޅިފައިއޮތް މުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ޝާހް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ. މިޙިދުމަތާއެކު ރަށަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވެރުމަށް ބޭނުންކުރާ ފެނުން ނުބައިވަސް ދުވުމުގެ ޝަކުވާއެވެ. އެހެންކަމުން މި މިމަސައްކަތް ނިމި ހައްލު ޙިދުމަތް ލިބެން ފެށުމުން މިކަމަށް ހައްލު ލިބި މި ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ހަވާލުކުރި މަސައްކަތެކެވެ. މިމަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7ވަނަ ދުވަހަށެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުުއާއި ކުރެންދޫ ދާއިރާ ބައިވެރިވެވަޑައިގެންނެވިއެވެ.