ސިޔާސީ

ޔޫއެންއޯޑީސީގެ ފަރާތުން ފުލުހުންނަށް ސީސީޓީވީ އިކުއިޕްމަންޓް ހަދިޔާކޮށްފި


ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ ފަރާތުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި ކ. މާފުށި ކާނި ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެ ތަކެއްޗާއި ފުލުހުންގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފެވެ. ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެ ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސަރ ޖޯޝުއާ އަރޓެޓާ ގޮންޒަލޭޒްއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ޔޫއެންއޯޑީސީއާއި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ޖަޕާން އެމްބަސީގެ ސާޒޭ ޑި އެފެއާޒް، މިސް ނައުމީ އަސާނޯއާއި ބައިވެރިވެލެއްވިއެވެ.