އިންގްލީޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މެޗްގެ ބޮޑު ބައި ކޮންޓްރޯލް ކުރުމާއެކުވެސް މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއަށް އެވަޓަންގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގި ޗެލްސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. މިލަނޑާއެކު މިމެޗް ޗެލްސީއިން ކާމިޔާބުކުރާނެކަމަށް ޤަބޫލް ކުރެވުނު ނަމަވެސް ދެން ފެނިގެންދިޔައީ އެވަޓަންއިން މެޗްގެ ނަތީޖާ ހަމަމަކުރި ތަނެވެ. މިލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީ ޒުވާން ޑިފެންޑަރ ޖެރާޑް ބްރެންތު ވެއިޓެވެ. މިއީ މިސީޒަންގައި އޭނާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވަރއަށް މިމެޗުން އެޓީމް މޮޅު ކޮށްދިނުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިހަލަމާ ވަނީ އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފޯޑް މަތަކޮށްފައެވެ. މީގެއިތުރުންވެސް މިމެޗްގައި ޕިކްފޯޑް ވަނީ މުހިންމު ހަމަލާތަކެއް ދިފާއުކޮށްދީ އެވަޓަން ސަލާމަތް ކޮށްދީފައެވެ.
މިމެޗް އެއްވަރު ވުމާއެކު ޗެލްސީއަށް މިވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ އާއި ދެވަނައިގައި އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. ޗެލްސީއަށް މިހާރު ލިބިފައިވަނީ ކުޅުނު 17 މެޗުން 37 ޕޮއިންޓެވެ. އެހެންކަމުން ޗެލްސީ އާއި ސިޓީ އާއި ދެމެދުގައި ފަރަގު މިހާރު އުޅެނީ ހަތަރު ޕޮއިންޓްގައެވެ. އަދި ލިވަޕޫލާއި ދެމެދު ތިން ޕޮއިންޓްގެ ފަރަގެއްމިވަނީ އައިސްފައެވެ. މިމެޗް އެއްވަރު ވުމާއެކު އެވަޓަން މިހާރު އުޅެނީ 19 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.