ޚަބަރު

ރާއްޖެ ޓީވީގައި ރޯކޮށްލި މީޢާދު 2 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި


ރާއްޖެޓީވީގައި އަލިފާން ރޯކޮށްލި މުޙައްމަދު މީޢާދު 2 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެެ.

2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ ރޭ އިތުރު 5 މީހަކާ ބައިވެރިވެގެން ހ. ކުއީން އޮފް ދަ ނައިޓްގައި އޭރު ހިންގަމުންދިޔަ ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލި މައްސަލަ ސާބިތުވެ، 2 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރީ ހ. ގަސްވާ މުޙައްމަދު މީޢާދުގެ މައްޗަށެވެ.

މިމައްސަލައިގެ ޙުކުމްގައިވާ ގޮތުން ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލާފައިވާކަމަށް މުޙައްމަދު މީޢާދު އިންކާރުކުރި ނަމަވެސް، މައްސަލަ ސާބިތުކުރެވޭ މިންވަރަށް ދަޢުލަތުން މީޢާދުގެ މައްޗަށް ހެއްކާއި ޤަރީނާ ހުށަހަޅާފައިވާތީ، ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވެފައިވާ ކަމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

އަދި ޖިނާއީ އިޖުރައާތުގެ ޤާނޫނުގެ 186ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު މީޢާދުގެ މައްޗަށް ސާބިތުވި ޓެރަރިޒަމްގެ ކުށާއި ގުޅިގެން ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 63 ދުވަސް މިޙުކުމުގެ މުއްދަތުން ކެނޑުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މައްޗަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި މީޢާދުގެ މައްޗަށް ޤާނޫނުލްއުގޫބާތުގެ ދަށުން 2 އަހަރަށް ޖަލަށްލުމަށް ޢަދަބު ކަނޑައަޅާފައިވާއިރު، މިމައްސަލަ ބެއްލެވި ޤާޟީ އަލީ ޢާދަމް ވިދާޅުވީ އެގޮތަށް އަދަބު ކަނޑައެޅީ، މީޢާދުގެ މައްޗަށް ދަޢުލަތުން ދައުވާކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ޤާނޫނުގެ ދަށުން ކަމަށްވެފައި، އައު ޤާނޫނުގައި އޭނާ ކުރި އަމަލު ކުށަކަށް ހަދާފައިނެތުމުގެ ސަބަބުންކަމަށެވެ. ރާއްޖެ ޓީވީ ރޯކޮށްލުމުގައި މީއާދު ހިންގި ޢަމަލަކީ "ފަރުވާލެއް ނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުގައި" ކަމަށް ކަނޑައަޅައި އޭނާއަށް އިއްވި ޙުކުމަކީ ޢަދަބު ކަނޑައެޅި މާއްދާއިން ދެވޭ އެންމެ ބޮޑު އަދަބެވެ.

މީއާދުގެ މައްޗަށް ދެއަހަރުގެ އަދަބެއް އައުމުން ރާއްޖެ ޓީވީންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެ ޓީވީ އަންދާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަދަބުދީ، ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށް ބުނެފައެވެ.