ޚަބަރު

ޔަހޫދީންނާމެދު މެލޭޝިޔާއިން އަމަލުކުރާ ސިޔާސަތާމެދު އެމެރިކާއިން ސުވާލުކޮށްފި


ޔަހޫދީންނާ މެދު މެލޭޝިޔާ ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް، އެމެރިކާގައި ހުންނަވާ މެލޭޝިޔާގެ ސަފީރު ހާޒިރުކޮށް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސުވާލުކޮށްފިއެވެ. މެލޭޝިޔާގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަސަނާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާ، ބެރްނާމާއިން ބުނީ، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ސަފީރު މުޙައްމަދު ޝަހްރުލް އިކްރާމް ޔަޢުޤޫބު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމުގައެވެ. މި ހާދިސާއަށް ރައްދު ދެއްވަމުން ވަޒީރު މުޙައްމަދު ވިދާޅުވީ، ޔަހޫދީ ދައުލަތް ބަލައިނުގަތުމަކީ މެލޭޝިޔާއިން އަބަދުވެސް އަމަލުކުރަމުންދާ ސިޔާސަތު ކަމުގައެވެ. އަދި، މިއީ އައު ސިޔާސަތެއް ނޫން ކަން، ސަފީރު މުޙައްމަދު، އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ރަސްމީކޮށް އަންގަވާފައިވާ ކަމުގައެވެ.

ޤައުމުތަކުން ޔަހޫދީ ދައުލަތް ބަލައިނުގަތުމާއި، ޔަހޫދީންނަށް ނަފުރަތު ކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭ ކަމެއް ނޫނެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން މެލޭޝިޔާގެ ސަފީރު ހާޒިރުކޮށް، އޭނާއާ ސުވާލުކޮށްފައި މި ވަނީ، އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓު އޮތް މީހަކު، މެލޭޝިޔާއަށް އެތެރެވި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ މީހަކީ، ޔަހޫދީ ދައުލަތުގެ ރައްޔިތުކަން އޮތް މީހެއް ކަން ކަށަވަރުވުމާއެކު، މެލޭޝިޔާ ސަރުކާރުން ވަނީ އޭނާ ޤައުމުން ބޭރުކޮށްފައެވެ. މި މައްސަލަ ފެންމަތިވީ މެލޭޝިޔާގައި ހިންގާ "ނެޓްވަރކް ސްކޫލް" ގެ ނަންދީފައިވާ މަޝްރޫޢެއްގައި ޔަހޫދީ ދައުލަތުގެ ރައްޔިތުން ބައިވެރިވަމުންދާ ކަމުގެ ތުހުމަތުކޮށް، މީސްމީޑިއާގައި ބަހުސްކުރަން ފެށުމާ ގުޅިގެންނެވެ.

މެލޭޝިޔާއަކީ ޔަހޫދީ ދައުލަތް ބަލައިގަންނަ ޤައުމެއް ނޫނެވެ. ޔަހޫދީ ދައުލަތާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމެއް ވެސް ނޫނެވެ. މީގެ އިތުރުން، ފަލަސްޠީނުގެ މިނިވަންކަމަށް ތާޢީދުކޮށް، އެ މައްސަލައިގައި ބައިނަލްއަޤުވާމީ މައިދާނުގައި ހަރުއަޑުން ބަސްބުނާ ޤައުމެއް ވެސް މެއެވެ. "ނެޓްވަރކް ސްކޫލް" މަޝްރޫޢުގެ މައްސަލައިގައި މެލޭޝިޔާގެ އިމިގްރޭޝަން އިދާރާއިން ޚާއްޞަ ތަޙުޤީޤެއް ހިންގުމަށް ފަހު، އެ ތަން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، އެ ތަނުން ބަލައިފާސްކޮށްފައިވާ މީހުންގެ އަތުގައި ޞައްޙަ ލިޔެކިޔުންތައް ހުރި ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މެލޭޝިޔާއަށް އެތެރެވެފައިވާ ޔަހޫދީ ދައުލަތުގެ ރައްޔިތުން ހޯދައި، އެ ޤައުމުން ބޭރުކުރާނެ ކަމުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ދާދިފަހުން ވަނީ އިންޒާރު ދެއްވާފައެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންތަކެއް ވަނީ އެމެރިކާގެ ޚާރިޖީ ވުޒާރަށް މައްސަލަ ހުށަހަޅުއްވާފައެވެ. އަދި، މެލޭޝިޔާއާއެކު އެމެރިކާއިން ބާއްވަމުންދާ ދިފާޢީ އަދި އިޤުތިޞާދީ ގުޅުންތައް ކަނޑައިލުމަށް ސަރުކާރަށް ބާރުއަޅުއްވާފައެވެ. މެލޭޝިޔާއަށް އެތެރެވި ޔަހޫދީ މީހާ އެ ޤައުމުން ބޭލުމަށް ނިންމި ނިންމުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ބަދަލުނުކޮށްފި ނަމަ، މެލޭޝިޔާގައި ހިންގާ އަސްކަރީ ތަމްރީނު ޕުރޮގުރާމަކަށް އެމެރިކާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަން ކަނޑައިލާނެ ކަމުގައި ވެސް އެ މެންބަރުން އިންޒާރު ދެއްވިއެވެ.