ކުޅިވަރު

ފަހަތުން އަރައި ހައިދަރުއާބާދު ޓީމުގެ މައްޗަށް ރާއްޖެއިން ކުރި ހޯދައިފި


މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗްގައި ފަހަތުން އަރާ އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް އަތުން މޮޅުވެއްޖެއެވެ. މިމެޗްތަކުގެ ކުރިން ގައުމީ ޓީމްވަނީ ލަންކާގެ ޤައުމީ ވޮލީ ޓީމާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. މިތިން މެޗުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ 3 ސެޓުންނެވެ.

މިއީ ޤައުމީ ސީނިއަރ ސްކޮޑް ފައިނަލް ކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުން ރާއްޖެ ޓީމް މޮޅުވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ފެށިގެން ލީޑުގައި އޮވެގެން ކުޅެމުންދިޔައީ އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއިންނެވެ. ނަމަވެސް މިސެޓްގައި ދެ ފަހަރު ރާއްޖޭގެ ޓީމުން ލީޑް ނެގިއެވެ. ރާއްޖެއަށް ދެ ފަހަރު ލީޑް ލިބުނު ނަމަވެސް އެދެ ފަހަރުވެސް ރާއްޖެއަށް ލީޑް ދެ ޕޮއިންޓަށް ވުރެއް ބޮޑަށް ފުޅާކުރެވޭ ގޮތެއް ނުވިއެވެ. އަދި ފުރަތަމަ ސެޓްގެ މެދުތެރެއިން ފެށިގެން ހައިދަރުއާބާދު ސްޕައިކާސްއިން ސެޓް ކޮންޓްރޯލްކޮށް، ސެޓް ކާމިޔާބުކުރިއެވެ. މިސެޓް ހައިދަރުއާބާދު ސްޕައިކާސްއިން ގެންދިޔައީ 25-19އިންނެވެ.

މިމެޗްގެ ފުރަތަމަ ސެޓް ގެއްލުމާއެކު ރާއްޖޭގެ ޓީމުން މެޗްގެ ދެވަނަ ސެޓަށް ނިކުމެފައިވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްގެންނެވެ. މިމެޗް ފެށިގެން ރާއްޖެއިން ކުޅެމުން ގޮސްފައިވަނީ ލީޑްގައި އޮވެގެންނެވެ. މިމެޗްގައި 4 ފަހަރެއްގެ މަތީން ހައިދަރުއާބާދު ސްޕައިކާސްއިން ރާއްޖެއާއި އެއްވަރުވެސް ކުރިއެވެ. އަދި 10 ވަނަ ޕޮއިންޓާއި ހަމައިން އެއް ފޮއިންޓްގެ ލީޑެއްވެސް އިންޑީޔާގެ ހައިދަރުއާބާދު ސްޕައިކާސްއިން ނެގިއެވެ. ނަމަވެސް އެޓީމަށް ލީޑްގައި ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ރާއްޖެއިން ކުޅުން ރަގަނޅުކޮށް ސެޓްގެ މެދުތެރެއިން ހުސެއިން ވިޝާމް (ބުޅިކެ)ގެ ބަދަލުގައި ހުސެއިން ޝާހިދު (ޝާޑު) ކުޅެން އަރުވާ ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަގަނޅު ކުރިއެވެ. މިސެޓްގައި ރާއްޖޭގެ ޓީމްގެ ކެޕްޓަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި ޢަލީ ހުޒާމް ވަނީ މިސެޓްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިސެޓް ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 25-18އިންނެވެ.

މެޗްގެ ތިންވަނަ ސެޓްގައިވެސް ރާއްޖެއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ރާއްޖޭގެ މޮޅު ކުޅުމާއެކު ރާއްޖޭގެ ޓީމުން މިސެޓްގައި ބޮޑު ލީޑެއް ނެގިއެވެ. މިސެޓްގައި އިންޑީޔާގެ ހައިދަރުއާބާދު ކުޅުންތެރިން ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މިސެޓްގައި ރާއްޖެއިން 5 ޕޮއިންޓަށްވެސް ލީޑް ފުޅާކުރިއެވެ. މިސެޓްގައި ރަގަނޅު ލީޑެއްގައި އޮތުމާއެކު ކޯޗް މުޙައްމަދު ސާޖިދުވަނީ ފުރަތަމަ ފަހަރަށް އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއުއަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މިސެޓް ރާއްޖެއިން ކާމިޔާބުކުރީ 25-18އިންނެވެ. މެޗުގެ ފަހު ސެޓް އަދި 4ވަނަ ސެޓް ފަށައިގެން އިންޑީއާގެ ހައިދަރުއާބާދު ކުޅުންތެރިން މޮޅު ކުޅުމެއްދައްކާ ފަހު ސެޓްގައި ލީޑްވެސް ނެގިއެވެ. ނަމަވެސް އެޓީމަށް ލީޑް މާ ގިނައިރު، ހިފެއްހެއްޓޭ ގޮތެއް ނުވިއެވެ. ފަހު ސެޓްގެ 14ވަނަ ޕޮއިންޓާ ހަމައިން ރާއްޖެއިން ލީޑްނަގާ ލީޑްގައި އޮވެގެން ކުޅެމުންދިޔައެވެ. އަދި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ހިތްވަރު އެލުވާމުލާ ކުޅެމުން ގޮސް މިސެޓްވެސް ކާމިޔާބުކުރިއެވެ. މެޗްގެ ފަހު ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 25-17އިންނެވެ.

ހައިދަރުއާބާދު ޓީމުން ރާއްޖެއާ ދެކޮޅަށް ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު، ރޭގެ މެޗު އެ ޓީމުން ކުޅުނީ އިއްޔެ މާލެ އައިގޮތަށެވެ.