ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 2 ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަަށް މައްސަލަ ހުށަހެޅިފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށް ނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުން ހޯދާފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ.
އިއްޔެ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށް، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.