ކުޅިވަރު

ނަބާއާއި ނަބީގެ ވިސާ ހަމަނުޖެހުނީ ވަގުތު ނުލިބިގެން- ބީއޭއެމް


ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތަށް ރާއްޖޭގެ ދެބެންކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާއަށް ނުދެވުނީ ވިސާ ހަމަޖައްސަން ވަގުތު ނުލިބުމުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ސްޕެއިންގައި ފެށި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތުގައި ބައިވެރިވުމަށް ދާން ހަމަޖެހިފައިވާ ދެ ކުޅުންތެރިންކަމަށްވާ ނަބާ އާއި ނަބީގެ ވިސާ ކަންތައްތަކާބެހޭގޮތުން ބައެއް މީޑިއާގައި ހަގީގަތާއި ޚިލާފު ވާހަކަދައްކަމުންދާތީއެވެ.

މިރޭ ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޕެއިނަށް ދާން ބޭނުންވާ ޝެންގެން ވިސާ ހަމަނުޖެހުނީ އެކަމަށް ބޭނުންވާ ވަގުތު ނުލިބިގެންކަމަށެވެ. މިދެ ކުޅުންތެރިންނަށް އެންމެ ފުރަތަމަ މިފުރުސަތު ލިބުނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މޭޖާ އިވެންޓްސް ޑިޕާޓްމަންޓުން 28 ނޮވެމްބަރުގައި ބީއޭއެމްގެ ރައީސް މޫސާ ނާޝިދަށް ފޯނުން ގުޅައި، ދިން ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެއަށް ފަހިވުމަށް މެދުވެރިވީ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އޮތް އިންޑޮނީޝިއާގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ޖެހިގެން މުބާރާތުން ވަކިވުމާ ގުޅިގެން ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރޭ ނޫސް ބަޔާންގައި ބުނެފައިވަނީ އެފުރުސަތު އެންމެ ފުރަތަމަ އެދެ ކުޅުންތެރިންނަށް ލިބުނީ އެދެ ކުޅުންތެރިން ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޗެލެންޖް މުބާރާތަށް ދިއުމުގެ މަގުމަތީގަ ހުއްޓާއެވެ.

މުބާރާތުގައި ވާދަކުރަން ނިންމި ހިސާބުން ނަބާ އާއި ނަބީ، ސްޕެއިނަށް ދިއުމުގެ ޓިކެޓް ނަގާފައިވާ ކަމަށާއި އަދި ވަގުތުން ވިސާ ހަމަޖެއްސުމުގެ މަސައްކަތް ބީޑަބްލިއުއެފްއާއެކު ފެށި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މަޢުލޫމާތު ދިނެވެ.

މުބާރާތަށް ދިއުމުގެ ފުރުސަތު ލިބުނު ދުވަހުން ފެށިގެން ސްޕެއިނަށް ދަތުރުކުރުމާ ދެމެދު ލިބިފައިވަނީ 10 ދުވަސްކަންވެސް މިބަޔާންގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ކުޅުންތެރިން ބަންގްލަދޭޝް މުބާރާތުން އެނބުރި އައި ދުވަހުން ފެށިގެން ސްޕެއިނަށް ދަތުރުކުރުމާ ދެމެދު ލިބިފައިވަނީ ތިން ދުވަހެވެ. ލިބުނު މުއްދަތުތައް ކުޑަކަން ބެޑްމިންޓަން އެސޯސިއޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާންމުގޮތެއްގައިގައި ޝެންގެން ވިސާ ޖެހުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއްނަގާއިރު، ދެ ކުޅުންތެރިންގެ ދަތުރު ހަރަދުތައް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ހަމަޖައްސައިދެއްވި ކަމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން ނަބާ އާއި ނަބީ އަށް ޑިސެމްބަރު އަށް ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސްޕެއިން އެމްބަސީ އަށް ގޮސް ވިސާ ހަމަޖެއްސުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށް ބީއޭއެމުން ބުނެފައިވެއެވެ.