ކުޅިވަރު

ޝަހުރުނާޒް އާއި ނީލާގެ މެދުގައި ވޯޓެއް ނަގަނީ


އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލާފައިވާ ބެޑްމިންޓަން ދެ ކުޅުންތެރިން ކަމަށްވާ ނީލާ ނަޖީބާއި އާމިނަތު ޝަހުރުނާޒް މޫސާ މެދުގައި އިންތިހާބަކަށް ދާން ޖެހިއްޖެއެވެ. މިއީ އެތްލީޓުންނަށް ބާރު ލިބޭ ގޮތަށް އެކުލަވާލާފައިވާ ކޮމިޝަނެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން އެތްލީޓް ކޮމިޝަންގައި ބައިވެރިވުމަށް އެތްލީޓުންނަށް ހުޅުވާލި ފުރުސަތުގައި އެކޮމިޝަންގައި ބައިވެރިވުމަށް މުއްދަތު ހަވަވީއިރު، ހުށައަޅާފައިވާ ކެންޑިޑޭޓުންނަކީ ގައުމީ ބެޑްމިންޓަން ޓީމްގެ އާމިނަތު ޝަހުރުނާޒާއި ނީލާ ނަޖީބުގެ އިތުރުން ގައުމީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް، ޤައުމީ ހޭންޑްބޯޅަ ޓީމުގެ ނަޝްފާ އާމިރާ އަދި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރެވެ.

އެތުލީޓްސް ކޮމިޝަން އެކުލެވޭނީ 5 މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުން ނޫނީ ކުޅުންތެރިންނަށެވެ. އެގޮތުން އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓަކަށް ލިބޭ ޖާގައިގައި މުބާލް ވަނީ ފިރިހެން އެތުލީޓަކަށް ޚާއްސަވާ ސްލޮޓްގައި ކޮމިޝަނަށް ހޮވިފައެވެ. ނަމަވެސް އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އަންހެން އެތުލީޓަކު ކުރިމަތިނުލާތީ އޮލިމްޕިކް ކޮމިޓީން ނިންމީ ވަކިން އެކަމަށް ބައި-އިލެކްޝަނެއް ބޭއްވުމަށެވެ. ބާސްކެޓުން ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ ވަނީ އެ ދެ ކުޅިވަރު ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ކޮމިޝަނަށް ހޮވިފައެވެ. އަދި ބާކީ އެއް ޖާގަ ކޮމިޝަންގައި އޮތުމުން ބެޑްމިންޓަންގެ ޝަހުރުނާޒާއި ނީލާގެ މެދުގައި މިމަހުގެ 23ވަނަ ދުވަހު މިދެ އެތްލީޓުންގެ މެދުގައި ވޯޓް ލުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިއިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވަނީ 357 ކުޅުންތެރިންނެވެ.

އެތުލީޓްސް ކޮމިޝަނުގެ އިންތިޚާބުގައި ވޯޓުލަނީ ވޮލީ، ޓެނިސް، ޓޭބަލް ޓެނިސް، ސްވިމިން، ސާފިން، ހޭންޑްބޯލް، ބާސްކެޓްބޯލް، ބެޑްމިންޓަންގެ އިތުރުން އެތުލެޓިކްސްގެ އެތުލީޓުންގެ ތެރެއިން މިދިޔަ އަށް އަހަރު ތެރޭ ޤައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނެވެ.