ޚަބަރު

ޚިދުމަތް ހޯދުމުގައި ލޯފަން މީހުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް، ރައީސް ވިދާޅުވެއްޖެ


އެކިއެކި ޚިދުމަތްތައް ހޯދުމުގައި ލޯފަން މީހުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާ ބައްދަލުކުރައްވައި އެމީހުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ލޯފަން ބައެއް މީހުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާއި، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާ، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ. އަދި، އެބޭފުޅުންނަށް ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ދަތިތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެކަމެއްކަމަށް އެމީހުން ވަނީ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެންސްޕާގެ އިސް ބޭފުޅުން މަޢުލޫމާތު ދެއްވިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް"އަށް ބަލައި އެލަވަންސް މުރާޖަޢާ ކުރުމުގެ މަޝްވަރާތައް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އެންސްޕާއިން ކުރަމުންގެންދާކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް އެކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.