ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ”ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސް“ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިމަސައްކަތު ބައްދަލުވުމަކީ 4 ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ "ސްޓޭކް ހޯލްޑަރ ރައުންޑް ޓޭބަލް އޮން ބިލްޑިންގ ސޯޝަލް ރެޒިލިއެންސް އިން ދަ މޯލްޑިވްސް" ގައި ފާހަގަކުރެވުނު ކަންތައްތައް ހުށަހަޅައި، މުސްތަޤުބަލުގައި މި ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމެވެ. އަދި ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެސް މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މި މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމްގައިވާ ކަންކަން ހާސިލްކުރުމަށް މަގުޗާޓެއް އެކުލަވާލުމެވެ.
ބުރާސްފަތިދުވަހު މީރުމާގައި ބޭއްވި ”ހައި-ލެވެލް ފޯރަމް ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު ވިދާޅުވި ގޮތުގައި އެކްޝަން ޕްލޭނެއް ކާމިޔާބުވާނީ މިކަމުގައި ޝާމިލްމާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވަމުން ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަތީފް ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށެވެ.
މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި 2 މަދަނީ ޖަމިއްޔާއިން 23 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.