ޚަބަރު

ހދ ކުމުންދޫގެ އައުޓްޑޯ ޖިމް އާއްމުންނަށް ހުޅުވާލައިފި


އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުން ކުމުންދޫގައި ގާއިމްކޮށްފައިވާ އައުޓްޑޯ ޖިމް އާއްމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލާފައެވެ.

ކުމުންދޫ ކައުންސިލުން ވިދާޅުވީ އުމުރުން 65 އަހަރުން މަތީ މީހުންނާއި 18 އަހަރު ނުފުރޭ ކުޑަކުދިން ޖިމް ބޭނުން ކުރަންވާނީ ބެލެނިވެރިއެއްގެ އެހީތެރި ކަމުގެ ދަށުން ކަމަށެވެ. އަދި ޖިމް ބޭނުން ކުރާއިރު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ހޯދައިގެން ބޭނުންކުރުމަށާއި ތަނުގެ ސާފްތާހިރުކަމަށް އިސްކަން ދިނުމަށް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ. އަދި ޖިމް ބޭނުން ކުރާމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އެތަނުގެ ތަކެއްޗަށް ގެއްލުން ނުދިނުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިއީ ކުމުންދޫއަށް ވަރަށް ބޭނުން ތެރި ޚިދުމަތެއް ކަމަށެވެ. އަދި މިފަދަ ޚިދުމަތެއް ކުމުންދޫގައި ޤާއިމް ކޮށްދެއްވާފައިވާތީ ކުމުންދޫގެ ކައުންސިލާއި ރައްޔިތުންގެ ނަމުގައި އަމީން މުހައްމަދުވަނީ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.

އާބާދީގައި 1400އަށްވުރެ ގިނަ މީހުން އުޅޭ ކުމުންދޫގައި ގާއިމް ކުރެވުނު މި އައުޓުޑޯ ޖިމުންވެސް ހާމަވެގެން ދަނީ ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގާއިރު ރަށްރަށުގެ އާބާދީގެ ކުޑަބޮޑުމިނަކަށް ނުބައްލަވާކަމެވެ. ސަރުކާރުން އަންނަނީ ކުމުންދޫގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން އެރަށުގައި ގާއިމް ކުރާ ފެނާއި ނަރުދަމާގެ މަސައްކަތަކީ މިހާތަނަށް އެރަށުގައި ކުރިޔަށް ދާ އެންމެ ބޮޑު މަޝްރޫޢު ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން ވަނީ ވިދާޅުވެފައެވެ.