ޚަބަރު

ވެކްސިން ފުރިހަމަކުރުމުން ދެކުނު އޭޝިއާއިން ރާއްޖެ އަންނަ މީހުން ކަރަންޓީންވާކަށް ނުޖެހޭނެ


ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެ އައުން ސަރުކާރުން މީގެކުރިން ވަނީ މަނާ ކޮށްފައެވެ. އޭރު މަނާކުރީ އެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު އެ ދުވަސްވަރު ގޯސްވުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން ވިދާޅުވީ ދެކުނު އޭޝިއާ ގައުމުތަކުން ވާކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު އެޗްޕީއޭއިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން އުވާލާފައިވާކަމަށެވެ. ނަމަވެސް ކޯވިޑް ވެކްސިން ފުރިހަމަނުކޮށް ރާއްޖެއަށް އެތެރެވާ ވާކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު އެ މީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާން ޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްފަދައިން ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ރިލީސް ސާމްޕަލް ނެގެޓިވްވުމުންކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. މިގޮތަށް ރާއްޖެ އަންނަ ފަރާތްތަކުން ރާއްޖެ އައުމުގެ އެއް ދުވަސްކުރިން ކަރަންޓީނުވާ ތަނުގެ މައުލޫމާތު އެޗްޕީއޭއަށް އަންގަން ޖެހެއެވެ.

މި އުޞޫލަށް ބަދަލުގެނެސްފައިވީއިރު ކޯވިޑުގެ އެންމެ ނުރައްކާތެރި ވޭރިއެންޓުގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރާ އޮމިކްރޯން ވޭރިއަންޓުގެ ފަސް ކޭސް ރާއްޖެއިންވެސް ވަނީ ފެނިފައެވެ. ނަމަވެސް އެއީ ރާއްޖެއަށް ދަތުރުކޮށްފައިވާ ފަތުރުވެރިންގެ ފަރާތުން ފެނިފައިވާ ކޭސްތަކެކެވެ. އާ ވޭރިއެންޓާ ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރެވެމުންދާކަމަށްވެސް އެޗްޕީއޭން ވަނީ ވިދާޅުވެފއެވެ.

ރާއްޖެއިން އޮމިކްރޯންގެ ފުރަތަމަ ކޭސް ފެނުނުކަން އެޗްޕީއޭއިން އިޢުލާންކުރީ މިމަހުގެ 5 ވަނަ ދުވަހުގެއެވެ. އެއީ ސައުތު އެފްރިކާއިން ރާއްޖެ އައި މީހެކެވެ.