ޚަބަރު

ވިލިނގިލީ ކޯޓުން ފައިސާދޫކުރި މައްސަލަ އެސީސީއަށް ހުށައެޅިން - ޖޭއެސްސީ


ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ވިމަސް މޯލްޑިވްސް އަށް ނަހަމަ ގޮތުގައި ފައިސާ ދުކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް މި އަހަރު ކުރީކޮޅު ހުށައަޅާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ވިމަސް ކުންފުނިން 2010 ވަނަ ދައުވާކުރީ އެރަށުގައި ސުނާމީ ގެތައް އިމާރާތްކުރަން އުޅުނު ޕީބީޑީސީ ކުންފުންޏާއި ދެކޮޅަށެވެ. އެ ދައުވާގައި ވިމަސްއިން ވަނީ ޕީބީޑީސީ އަށް ސަޕްލައިކޮށް ދިން ދޮންވެއްޔަށް ދައްކަންޖެހޭ 75،500 ރުފިޔާ ހޯދުމަށް އެދިފައެވެ. އަދި މި ފައިސާ ހޯދަން ވިމަސް އިން އެދިފައިވަނީ 2010 ވަނަ އަހަރުގެ މެއިން ފެށިގެން ފާއިތުވި ކޮންމެ ދުވަހަކަށް ދެ ޕަސެންޓް އިންޓްރެސްޓާވެސް އެކުގައެވެ. މި މައްސަލާގައި ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުން ނިންމީ 1.7 މިލިއަން ރުފިޔާ ވިމަސް ކުންފުންޏަށް ދެއްކުމަށެވެ.

އެ ފައިސާ ޕީބީޑީސީން ނުދައްކާ އޮތްވައި، ސުނާމީ ގެތަކުގެ މަސައްކަތް ހުއްޓުނުނަ ނުދިނުމަށް އެކުންފުނިން ދައްކަން ހުރި ފައިސާގެ ޒިންމާ ދައުލަތުން ނެގިއެވެ. ދައުލަތުގެ މި ނިންމުމާއި އެކު އެ ފައިސާ ދައުލަތުން ދެއްކުމަށާއި ކޯޓުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށް އަނެއްކާވެސް ވިލިގިނލީ ކޯޓުން އަމުރެއް ނެރުނެވެ. އެހެންނަމަވެސް އެ މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.

ހައިކޯޓުން ދަށުކޯޓްގެ އަމުރު ބާތިލުކޮށްފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ އެ ފައިސާ ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެހެންނަމަވެސް އެކަން ވީ އޮޅުމަކުން ކަން އަންގާ އެ ފައިސާ އަނަބުރާ އެމްއެމްއޭ އެކައުންޓަށް ޖަމާކޮށްދިނުމަށް މިނިސްޓްރީން ތަކުރާރުކޮށް އެދެމުންދަނިކޮށް ވިލިނގިލީ ކޯޓުން ވަނީ އެ ފައިސާ ވިމަސްއަށް ދޫކޮށްފައެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ އަހަރު އެކޮމިޝަނުން ބެލިކަމަށެވެ. އަދި މީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާކަމެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

އަހުމަދު ޝުކޫރުގެ މި މައްސަލަ ފާހަގަވީ ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް ޝުކޫރުގެ މައްޗަށް ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އޭނާ އަމިއްލައަށް މަޖިސްޓްރޭޓްކަމުގެ މަގާމުން ވަކިވި ފަހުންކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި މި މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިއަހަރު ޖެނުއަރީމަހު ހުށައަޅާފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

މި މައްސަލާގައި ދައުލަތުގެ ހަޒާނާއިން ނަހަމަ ގޮތުގައި ފައިސާތަކެއް ގެއްލުވާލާފައިވާތީ އެކަމުގައި އިހުމާލުވި އެންމެނަށް ފިޔަވަޅު އެޅުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މުހައްމަދު

ސިޔާސީ ބޭނުމަށް ތަހުގީގު ކުރުމުގެ ބަދަލުގައި ރައްޔިތުން އަތުން ގެއްލިފައިވާ ބޮޑެތި އަދަދުތައް އަވަހަށް ލިބޭތޯ އުޅުނިއްޔާ ގައުމަށް ފައިދާ ބޮޑުވާނީ.