ޚަބަރު

ހައްދުންމަތީގައި ވައްކަންކުރާ ނިސްބަތް އިތުރު، ހުއްޓުވުމަށް ގިނަ މަސައްކަތްކުރެވޭ: ފުލުހުން


ހައްދުންމަތީގައި ރިޕޯޓްކުރެވޭ މައްސަލަތަކުގެ ތެރެއިން ފާއިތުވެދިޔަ 3 އަހަރު އެންބޮޑަށް އިތުރުވެފައިވަނީ ވައްކަމުގެ މައްސަލަތައްކަމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ފޮނަދޫ ސްޓޭޝަން އިންޗާޖު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީިން ހައްދުން މަތީ ފޮނަދޫގައި ކުރިއަށް ގެންދާ ހަފްތާރެސް ޕްރޮގުރާމުގައި މައުލޫމާތު ދެއްވަމުން ހުސެއިން ވިދާޅުވީ ލ.އަތޮޅުގައި ހިންގާ ކުށްތައް މަދުކުރުމަށް ފާއިތުވެދިޔަ ތިން އަހަރު ގިނަ މަަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ލ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކެއްގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދާ ޕްރޮގުރާމުގައި، ފާއިތުވެދިޔަ ތިން އަހަރު އަތޮޅުގެ ކުށުގެ ވެށީގެ ހާލަތު ވަނީ ހިއްސާ ކުރައްވާފައެވެ.

ލ.އަތޮޅުގައި، ފާއިތުވި ތިން އަހަރުގެ ތެރެއިން 2018 ވަނަ އަހަރު 800 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. 2019 ވަނަ އަހަރު 1000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، 2020 ވަނަ އަހަރު ރިޕޯޓް ކޮށްފައިވަނީ 900 މައްސަލައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ލ.އަތޮޅުގައި އެންމެ ގިނަ މައްސަލަތަކެއްގެ ގޮތުގައި ފާހަގަވެފައިވަނީ ވައްކަމުގެ މައްސަލައެވެ. މިގޮތުން 2019 ވަނަ އަހަރު އެކަނިވެސް 500 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓް ކުރެވިފައެވެ.

ނިމިދިޔަ ތިން އަހަރު ޖުމްލަކޮށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަކުރެވެނީ، ޓްރެފިކް މައްސަލަތަކާއި، އާންމު އިޖުތިމާއީ މައްސަލައެވެ. ހުސެއިން ވިދާޅުވީ ކުށް މަދު ކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ގޭގެއަށް ޑޯޓު ޑޯ ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކުށްތައް މަދުކުރެވޭނީ އާންމުގެވެސް ބައިވެރިވުމާއި އެކުގައިކަން ފާހަގަކުރައްވައި، މިހާތަނަށްވެސް ރައްޔިތުންގެ ފަރާތުން މިކަމުގައި ލިބެމުންދާ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.