ޚަބަރު

ތިލަފުށިން ލިބުނު އުނދަގޫތަކަށް ހައްލުގެނެވިއްޖެ، މިހާރު ދުމެއް ނާރާނެ - ރައީސް


ތިލަފުށިން އަރާ ދުމުގެ ސަބަބުން މީގެ އަހަރުތަކެއް ކުރިން ފެށިގެން މާލެ ސަރަހައްދަށް ކުރިމަތިވަމުންދިޔަ އުނދަގޫތައް މިހާރު ޙައްލު ގެނެވިފައިވާކަމަށާއި، މިހާރު ތިލަފުށިން ދުން ނާރާނެކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢު ކަމުގައިވާ "ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް" އިފްތިތާޙު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މީގެ ތިރީހަކަށް އަހަރުކުރިން ފެށިގެން މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، ކުނިތަކުން ހިކިގެން އުފެދިފައިވާ މިހާރުގެ ތިލަފުށިކަމަށެވެ. އޭރު ކުނި ނައްތައިލުމަށް ކުރިހާވެސް ކަމަކީ ކުނި އެންދުންކަމަށާއި، ތިލަފުށީގައިވެސް އަދި ރަށްރަށުގައިވެސް ދާދިހަކާޖެހެންދެންވެސް ކުނި އެންދީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެގޮތަށް ކުނި އެންދުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމަކަށް އޭރު މާބޮޑަކަށް ބެލިފައިނުވާކަމަށާއި، ރައްޔިތުންގެ ޞިއްޙަތަށް ލިބޭ ގެއްލުމަކަށްވެސް އޭރަކު ނުބެލޭކަމަށެވެ. އަދި ހުޅަނގު މޫސުން ލައިގެންފިނަމަ މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ މީހުންނަށް، ނުބައި ވަހާއި، ދުމުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވާއިރު، ވިލިމާލޭ ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އަދި މާބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަށްރަށުން ތިލަފުށްޓަށް ކުނި ގެނައުމުގައިވެސް، އެކަން ކުރަމުން އައީ، ތިމާވެށްޓަށް މާބޮޑު ސަމާލުކަމެއް ދީގެންނެއް ނޫން. މާލެއިން ތިލަފުށްޓަށް ކުނި އުފުލުމުގައިވެސް، ތިމާވެށި ރައްކާތެރިކުރުމަށް މާބޮޑު ސަމާލުކަމެއް އޭރަކު ދެވިފައެއް ނެތް. އެއްތަނުން އަނެއް ތަނަށް ކުނި އުފުލުމުގައި، ނުރައްކާތެރި ބާވަތްތަކުގެ ވަރަށް ގިނަ ކުނި ކަނޑަށް އެޅޭގޮތްވެސް އޭރު މެދުވެރިވޭ. މިއީ ކުނި ރަނގަޅަށް މެނޭޖް ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތްނަމަ، ވެގެންވާނެ ގޮތެއް ނޫން" ރައީސް ޞާލީހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން މާލެ އާއި ރަށްރަށުގައިވެސް ކުނި ނައްތާލުމުގައި ވިސްނަންވީ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެވިހުރި ނަމަވެސް، މިއަދު އެގޮތަށް އެކަން ކުރަން ދޫކޮށްލައިގެން ތިބެވެންނެތްކަމަށެވެ.

ޤައުމު ތަރައްޤީ ކުރަންވާނީވެސް، އަދި އިޤްތިޞާދީ ޙަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޚާއްސަކޮށް ރާއްޖެ ފަދަ ބިން ތިރި ޤައުމެއްގައި، ޤުދުރަތީ ވެށްޓާއި މާޙައުލީ ނިޒާމުގެ ޙިމާޔަތަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑުކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމަށް ކުރަމުން އައި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވި ތިލަފުށީގެ ހުރި ބޮޑެތި މައްސަލަތައް މިހާރު ޙައްލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު، މިއަދު ތިލަފުށި އެއޮތީ، މީގެކުރިން އެ ތަނުން ލިބުނު އުނދަގޫތައް މިހާރު ނުލިބޭނެ ގޮތަށް އިންތިޒާމު ކުރެވިފައި. މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަމަށް ޙައްލެއް ގެނެވިއްޖެ. ހަމަގައިމުވެސް މިހާރު ތިލަފުށިން ދުމެއް ނާރާނެ" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ކުނި މެނޭޖްކޮށްގެން، ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށާއި، ތިމާވެށްޓަށް ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ވަރަށް މުހިންމު ސިޔާސަތަކަށްވުމުން އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް، ރާއްޖޭގައި މަނާކުރުމުގެ ސިޔާސަތު، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއާއެކު ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމުގެ ސިޔާސަތެއް ސަރުކާރުން ކަނޑައަޅާފައިވާމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ޢުމްރާނީ މަސައްކަތްތައްވެސް އިތުރުވެ، ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ޙަރަކާތްތައްވެސް އިތުރުވަމުންއަންނައިރު، މިފަދަ ކޮންމެ ބަދަލަކާއެކު، ކުނި އުފެދޭ މިންވަރުވެފައިވުމުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާންކެޖޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ދިވެހިންނަކީ އަބަދުވެސް ރަށްރަށް ކުނިކަހައި، ރީތިކޮށް ބަލަހައްޓާ ބަޔަކަށްވާއިރު، ރަށު ފަތުރުވެރިކަން ފުޅާވެ، ހޯމް ސްޓޭ ފަތުރުވެރިކަން ތަޢާރުފްވާއިރު، ރަށްރަށުގެ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއްވެސް ދޭންޖެހޭކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފަައެވެ. އަދި ރަށްރަށުގެ މާޙައުލީ ނިޒާމާއި، ތިމާވެށި ޙިމާޔަތްކުރުމަށްވެސް، ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުގައި، ކުނި މެނޭޖްކުރާނެ މަރުކަޒުތައް ޤާއިމުކުރުމުގެ ޙަޤީޤީ ބޭނުމަކީވެސް އެއީކަމަށާއި އެ މަރުކަޒުތަކުގެ މަސައްކަތް ފަށައިގަތުމުން، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް، ރައްކާތެރި ގޮތުގައި ނައްތައިލެވޭނެކަމަށެވެ.