ޚަބަރު

ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކޮށް ރައްޔިތުންނަށް ރައްކާތެރިކަން


ރ.ފައިނުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސަަކަތް މުޅިން ނިމާލާފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓިސީސީން ވިދާޅުވެއްޖެއެވެ.

ފައިނުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 8100 އަކަމީޓަރުގެ ވެލި ގިރާ ސަރަހައްދައްއެޅުމާއި ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވަނީ ކޮށްނިންމާފައެވެ.

މިމަސައްކަތް ނިންމާލުމަށްފަހު އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، އެރަށުގެ ދޯނިއެހެލާ ސަރަހައްދު ލެވަލްކޮށް ރަށުގެ އެކިސަރަހައްދުތައް ސާފުކޮށްދީ މަގުތައް އެއްވަރުކޮށް ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ފައިނު ގޮނޑުދޮށް ގިރަމުން ދާތީ، ހިމާޔަތްކޮށްފައިވަނީ އެރަށު އިރުމަތީ ފަރާތެވެ. އެސަރަހައްދަކީ ފައިނުގައި އެންމެ ހިތްގައިމު އެއް ގޮނޑުދޮށް އޮންނަ ސަރަހައްދެވެ. އިރުވައި މޫސުމުގެ އެކިދުވަސްތަކުގައި އެސަރަހައްދު ގިރަމުންގޮސް މީހުން ދިރިއުޅޭ ސަރަހައްދާ 70 ވަރަކަށް ފޫޓާ ގާތައް އެސަރަހައްދުވަނީ ގިރާފައެވެ.

ސަރުކާރުން ކުރިއަށްގެންދިޔަ މަސައްކަތާއެކު ރައްޔިތުންނަށް މިހާރު ރައްކާތެރިކަން ކަށަވަރުވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ފައިނަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ އެރަށު ބަނދަރުހެދުމަށްފަހުއެވެ. ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު މިހާރުންމިހާރަށް ހައްލުންކުރަންޖެހޭ ކަންތައްތައްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޓީސީސީން އަންނަނީ 62 މަސްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. އޭގެެތެރެއިން ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 8 މަސްރޫއެއް ހިންގަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި 7 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުކުރުގެ މަސައްކަތްވަނީ ނިންމާފައެވެ.