ޚަބަރު

އަމާން މުޖުތަމަޢެއް ބިނާ ކުރުމުގައި ކޮންމެ މީހެއްގެ ދައުރުވެސް ބޮޑު: ކާނަލް ޙިލްމީ


ރާއްޖޭގެ މުޖުތަމަޢުގެ އަމާންކަމާއި، ރައްކާތެރިކަން ޤާއިމްކޮދެވޭނީ، އެކަމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށް ދެކި، އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމުމުގައި، އެމްއެންޑީއެފްގެ ހައްދުންމަތީ ސެންޓްރަލް އޭރިޔާ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ހައްދުން މަތީ ފޮނަދޫގައި ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ހަފްތާރެސް ޕްރޮގްރާމް ފެށުމަށް ބޭއްވި ރައްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކާނަލް ޙިލްމީވަނީ ރާއްޖޭގެ ދިގު ތާރީޚުގައި ހަމަޖެހުމާއި އަމާންކަން އޮތް މިވަރަށް ބަލާލައި ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ކުރެވޭ މަސައްކަތް ހުއްޓުވުމަކީ ހަމައެކަނި އެކަމުގެ ޒިންމާ މަތިވެފައިވާ މުއައްސަސާތަކަށް އެކަނި ކުރެވޭނެ ކަމެއްނޫންކަމަށާއި އެކަން ކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް ޙިލްމީ ވިދާޅުވިއެވެ.

ރާއްޖޭގެ އަމާންކަން ނަގާލައި، ހަމަޖެހުން ގެއްލުވުމާލުމަށް ކުރެވޭ މަސައްކަތަކީ މުޖުތަމައުގައި ތިބޭ މީހުންގެ ފަރާތުން ފެށޭ މަސައްކަތެއްކަމަށާއި، މިކަންކަމަށް މަގު ފަހިވެގެންދަނީ ކުށްކުރާ ފަރާތްތަކަށް ލިބޭ ނުރަނގަޅު މައުލޫމާތުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަލްޓަމްޕާކުގައި ބޮން ގޮއްވާލި ހިސާބުން ފެށިގެން މިއަދާ ހަމައަށް ރޭވިގެން ހިންގޭ ހަރުކަށި އަމަލުތަކަކީ އެކަމުން މުޖުތަމައުގެ ނުރައްކަލަށް ވައްޓާލި ކަންތައްތަކެއްގެ ގޮތުގައި ޙިލްމީވަނީ ވިދާޅުވެފައެވެ. މިއިން ކޮންމެ ކަމަކުންވެސް ނުރައްކަލަށް ވެއްޓިގެންދަނީ ހަމައެކަނި އެކަން ކުރިމަތިވާ މީހުން ނޫންކަމަށާ، ނުރައްކަލަށް ވެއްޓިގެން ދަނި މުޅި މުޖުތަމައުކަމަށް ކާނަލް ޙިލްމީ ވިދާޅުވިއެވެ.

"މުޖުމަތައުގެ ހަމަޖެހުން ނަގާލައި، އެއްބައިވަންތަކަން ނަގާލަން އަބަދުވެސް މުޖުތަމައުގެ ތެރޭގައި މަސައްކަތްކުރާ ބަޔަކު އުޅޭ. މުޖުތަމައުގެ ހަމަޖެހުން ގާއިމް ކުރުމަކީ ހަމައެކަނި ވަކި މުއައްސަސާއަށް އެކަނި އޮތް ޒިންމާއެއްނޫން. މިހެން ހިންގޭ ކޮންމެ ކަމަކުން، އެކަމުގެ ގެއްލުން ނުޅި ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން." ޙިލްމީ ވިދާޅުވިއެވެ.

ހައްދުން މަތީ ފޮނަދޫގައި އެއަތޮޅުގެ 11 ރަށުން ބައިވެރިވެގެން ބާއްވާ މި ޕްރޮގުރާމުގައި އަމާން މުޖުތަމައުއެއް ބިނާކުރުމުގައި މުއައްސަސާތަކާއި އާންމުންގެ ދައުރާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ލ.އަތޮޅުގެ ކައުންސިލްތަކަށް ދައުވަތު ދީގެން ބާއްވާ މިޕްރޮގްރާމުގެ އެންމެބޮޑު މަޤުސަދަކީ އަމާން ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އަދާކުރެވޭނެ ދައުރާގުޅޭ މުހިންމު މައުލޫމާތުތަކެއް ދިނުމެވެ. އެގޮތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގެނެވުނު ބަދަލާއެކު، ކައުންސިލްތަކާއި މިނިސްޓްރީތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ކައުންސިލްތަކަށް އޮތް ފުރުސަތުތައް މިބައްދަލުވުމުގައި ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއެކު ފަނާކުރަނިވި ފިކުރުތަކުން މުޖުތަމައު ސަލާމަތް ކުރުމާ ގުޅޭގޮތުންނާއި، މުޖުތަމައުގައި ހުންނަ ނޭދެވޭ ވިސްނުމާއި އެކަންކަމާގުޅޭ މުހިންމު ސެޝަންތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޖުތަމައުގެ އެންމެން ގޮވައިގެން އެންމެންގެ ބައިވެރިވުމާއެކު މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް މި ޕްރޮގްރާމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.