ޚަބަރު

އިގްތިޞާދީ ހީނަރުކަމާއެކުވެސް 11 ހާހަށްވުރެ ގިނަ ވަޒީފާ ވަނީ އުފެދިފައި: މަބްރޫކް


އިޤްތިޞާދީ ހީނަރުކަމާއެކުވެސް މިސަރުކާރުން މިހާތަަނަށް 11 ހާހަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ސަރުކާރުގައިވެސް އަދި އަމިއްލަ ފަރާތްތަކުންވެސް އުފެދޭ ވަޒީފާގެ ޢަދަދު އެންމެ ރަނގަޅަށް ބެލެން ހުންނަނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ ކުރީ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި އެއްލައްކަ ހަތަރުހާސް ވަޒީފާ އުފައްދާފައިވާނެކަމަށް އިދިކޮޅު ސޔާސީ ޕާޓީން ހާމަކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގައި މިވަގުތު ފެންނަން ހުރި ރަސްމީ ތަފާސް ހިސާބު ހިއްސާ ކުރައްވަމުން މަބްރޫކް ވިދާޅުވީ ކޯވިޑް-19ގެ އިޤްތިޞާދީ ހީނަރުކަމާއެކު، ރިސޯޓްތައް ބަންދުކޮށް، ބައެއް ވިޔަފާރިތައް ހުއްޓިފައި އޮތް އަހަރަކާއެކު، މިހާތަނަށް މިސަރުކާރަށް 11160 ވަޒީފާ އުފެދިފައިވާކަމަށް ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

"2014ގެ ބޯހިމެނުމުގެ ޢަދަދުތަކަށް ބަލާލާއިރު ރާއްޖޭގެ އެވަގުތުގެ ޖޮބް މާކެޓްގައި، މާނައަކީ 18 އަހަރު ފުރުނު މީހުން ފަށައިގެން 65 އަހަރު ފުރުނު ބޭފުޅުންނާއި ދޭތެރޭ މުޅި ވޯކް ފޮސްގައި ތިބީ ދެލައްކަ ފަސްހާހެއްހާ މީހުން. އޭގެ ތެރެއިން 90 ހާހަށްވުރެ ގިނަ މީހުން އެވަގުތުވެސް ތިބީ ވަޒީފާގަ. މާނައަކީ ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރުވެސް ވަޒީފާގަ 90 ހާހަށްވުރެ ގިނަ މީހުން ވަޒީފާގަތިބި. ވަޒީފާގަ އުޅޭނެތާ ދެއްތޯ ކުރިންސުރެވެސް މީހުން. އެއްލައްކަ 4 ހާސް މީހުންނަށް ވަޒީފާ ދެއްވިކަމަށް ބުނާނަމަ ދެލައްކަ ފަސްހާސް އެއްކޮށް ވަޒީފާގަ ނޫންތޯ އެތިބީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ޔާމީންގެ މުޅި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިޤްތިޞާދީ އެއްވެސް ހީނަރުކަމެއް ނެތި އުފެދިފައި ވަނީ 22 ހާހެއްހާ ވަޒީފާކަމަށް ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

"ދުނިޔޭގެ އެންމެ ރަނގަަޅަށް އޮތް ފަސް އަހަރޭ. ޕްރައިވެޓް ވަޒީފާތަކާ ސަރުކާރު ވަޒީފާތަކާއެކު ހުރިހާ ވަޒީފާއެއް އެއްކޮށްލީމަ އަޅުގަނޑުމެންނަށް ލިބެންހުރި ޑޭޓައިން ދައްކަނީ އުފެއްދިފަ ހުރީ 22،000 ވަޒީފާކަމަށް. ސަރުކާރަކަށް ކްލެއިމްވެސްކުރެވޭނީ ޕެންޝަން ލިބި ރަޖިސްޓްރީވެފައި ތިބި ވަޒީފާތައް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ 11 ހާހަށްވުރެ ގިނަ މީހުންނަށް މިސަރުކާރުން މިހާތަނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން އެތައް ބަޔަކަށް ވިޔަފާރީގެ ފުރުޞަތު ހުޅުވާލެވުނުކަމަށެވެ. އެގޮތުން 900އެއްހާ ވިޔަފާރިއަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯން ދޫކުރެވިފައިވާކަމަށާއި، ރާއްޖޭގައި އެސްއެމްއީ ބޭންކު މެދުވެރިކޮށް އިންވެސްޓްކޮށްގެން ވިޔަފާރިއެއް ނުހިންގާ އެންމެ އަތޮޅެއްވެސް ނެތްކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުު ހޯދައިދެވިއްޖެ، ތަޢުލީމްގެ ފުރުޞަތު ހޯދައިދެއްވިއްޖެ. ވިޔަފާރި ކުރުމުގެ ފުރުޞަތު ހޯދައިދެވިއްޖެ. ހުނަރު ހޯދައިދިނުމުގެ ފުރުޞަތު ހޯދައިދެވޭ އެބަ. މިވާހަކަ ދައްކާއިރު މިކަންކަން އިތުރަށް އަދި ރަނގަޅުކުރަންޖެހޭ. އެކަމު މީގެ ކުރިން މިކަންތައް ކުރި މީހަކު ނެތް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރަށް ރަނގަޅު ޢަދަދަކަށް ވަޒީފާ އުފެއްދެމުން އަންނަކަަމަށެވެ.

ރާއްޖޭގައި އައު ވަޒީފާތައް އުފެއްދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެނެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން މާސްޓަރ ޕްލޭނެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. މިއީ މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު މިއިން ކޮންމެ މަޝްރޫޢަކާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށްވެސް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.