ޚަބަރު

އިތުރު 500އަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފި


ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 500އަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 20000އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 557 މީހަކު ޖަހާފައިވެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 199 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 358 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 20،653 އަރާފައެވެ.

މީގެ އިތުރުން 121 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 91 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 30 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 365،725 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަ ދުވަހު 47 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 24މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 23މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 396،254އަށް އަރާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.