ޚަބަރު

މިއަދު ކޯވިޑަށް ޕޮޒިޓިވްވީ 124 މީހުން


ރާއްޖެއިން އިތުރު 124 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 124 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ޕޮޒިޓިވްވި 76 މީހުންނާއި މާލެއިން ބައްޔަށް ޕޮޒިޓިވްވި 35 މީހުންނެވެ. އަދި ރިސޯޓަކުން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 93370 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1981 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 18 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 90 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 91118 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4167 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.