ޚަބަރު

ބޭރަށް ދަތުރުކުރާއިރު ދުރާލާ ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި


ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ދުރާލާ މުއްދަތު އޮއްވައި ވިސާއަށް އެދި ހުށަހެޅުން ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިގޮތަށް އިލްތިމާސްކުރައްވާފައި މިވަނީ، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ބައެއް ފަރާތްތަކަށް ވިސާ ނުލިބުމުގެ މައްސަލަތަކެއް ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެ މިނިސްޓްރީ އިން ދެމުންގެންދާ ކޮންސިއުލާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ. މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް އެދި ހުށަހަޅާއިރު، ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަށާއި، މިކަންކަން ކުރުމަށް އެވްރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެފަދަ އެހިތެރިކަމަށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮށްވާ ހުށަހެޅުން ވަރަށް މުހިންމުކަމެއްކަމަށެވެ.

އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެކިއެކި ބޭނުންތަކަށް ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ދުރާލާ ވިސާ ނެގުމުގެ ކަންކަން ކުރުމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.