ޚަބަރު

އިންޑިޔާއަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާ- ރައީސް


އިންޑިޔާއަކީ ޚާރިޖީ ގޮތުންނާއި
ސިޔާސީ ގޮތުން ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ އަރިހަށް އިންޑިޔާ
ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ ކުރެއްވި
ވަދާޢީ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.



މިއަދުގެ ބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް
ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް
‏‏ބަދަހިކުރައްވާ ފުޅާކުރެއްވުމަށް، ރަޖީވް
ޝަހާރޭ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް
ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ‏ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ
ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، ‏‏މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައާއި، ސިޔާސީ މައިދާނުގައި އިންޑިޔާއިން
ރާއްޖެއަށް އެއްބާރުލުންދިނުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި
މަޝްވަރާކުރެއްވިއެވެ.



އިންޑިޔާގެ ސަފީރުގެ
ވާހަކަފުޅުގައި، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ‏ވަރަށްބޮޑު އުފާފުޅެއް
ލިބިވަޑައިގެންނެވި ކަމެއް ‏‏ކަމުގައާއި، އެމަނިކުފާނުގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި
މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުންނާއި ޙާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ
ފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރަޖީވް
ޝަހާރޭ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިމިގެން މިދިޔައީ
ދެޤައުމުގެ ގުޅުން ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ހާޞިލްކުރެއްވުމުގެ
އުފަލާއި ހިތްހަމަޖެހުމާއެކު ކަން ވެސް ފާހަގަކުރެއްވިއެވެ.



މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ
އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު
ބައިވެރިވެވަޑައިގެންނެވިއެވެ.