ޚަބަރު

ދަރަވަންދޫ އިމަރޖަންސީ މެޑިކަލް ސެންޓަރ އަންނަމަހު ހުޅުވަނީ


ބ.ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ހަދާ އެމަޖެންސީ މެޑިކަލް ސެންޓަރު އަންނަމަހުގެ މެދުތެރޭގައި ހުޅުވަން ތައްޔާރުވަމުންދާކަމަށް އެމަރުކަޒުން ވިދާޅުވެއްޖެއެވެ.

ދަރަވަންދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޝިނާން ވިދާޅުވީ ޢިމާރާތުގެ ހުރިހައި މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އެހެން ނަމަވެސް އެޢިމާރާތަށް އެއްގަމު އުޅަނދު ވަދެނުކުމެ ހެދުމަށް ބޭނުންކުރާ ރޭމްޕްގެ މަސައްކަތް އަދި ނުނިމޭކަމަށާ މިކަން ކުރުމުގެ ހުއްދައަށް، ހެލްތު މިނިސްޓްރީގައި އެދިފައިވާކަމަށް ޝިނާން ވިދާޅުވިއެވެ. އަދި ޚިދުމަތް ދިނުމަށް ބައެއް މެޝިނަރީއާއި އިކިއުޕްމަންޓްވެސް ނުލިބޭކަމަށާ އެހެން ނަމަވެސް ހުޅުވުމުގެކުރިން މިހުރިހާކަމެއް ނިންމާލެވޭނެކަމަށް ޝިނާން ވިދާޅުވިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި ހަދާތަނެކެވެ. މި ސެންޓަރައަކީ ރާއްޖެއާއި އިންޑިއާގެ ސިއްޙީ ދާއިރާގެ ގުޅުމަށް ލިބުނު ކުރިއެރުމެއްކަމަށް އިންޑިއާއިން ދެކެއެވެ. މިކަން ފާހަގަކޮށް މިއަހަރުގެ ޖޫންމަހު އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައިވަނީ ދަރަވަންދޫގައި ހަދާ އިމަރޖެންސީ ސެންޓަރ ޤާއިމް ކުރުމަށްޓަކައި ދިވެހި ރާއްޖެއާ އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް ޝުކުރު އަދާ ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އެމަރޖެންސީގައި ފަރުވާދޭނެ ސެންޓަރެއް ހެދުމުގެ އިތުރުން ކުއްލި ފަރުވާއަށް ބޭނުންވާ އެކިއާލާތްތައް ހޯދޭނެކަމަށް ދަރަވަންދޫ ސިއްޙީމަރުކަޒުން ވިދާޅުވެއެވެ.

ދެ ފަންގި ފިލާއަކަށް ހަދާ މިއިމާރާތުގައި ކަރަންޓް ބޭނުންކުރުމަށް އެޢިމާރާތުގެ ފުރާޅުގައި ސޯލާ ސިސްޓަމެއް ވަނީ ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލުން 20ކިލޯ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.

ދަރަވަންދޫގައި އިމަރޖެންސީ މެޑިކަލް ސެންޓަރ ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އެރަށުގައި އެއަރޕޯޓެއް އޮތުމައެކު މިސެންޓަރު ހުޅުވުމުން އިމަރޖެންސީކޮށް ގެންނަ ބަލިމީހާ މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.