ޓެކްނިކަލް މައްސަލައަކާއި ހެދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ދެވަނަ ފަހަރަސް ބާއްވަންޖެހި މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުރިމަތިލާން ޖެހިއްޖެއެވެ. ޔުއޭފާއިން ވަނީ ފުރަތަމަ ބުރުގެ ގުރުއަތުލުމުގައި ދިމާވި މައްސަލައާއި ގުޅިގެން ގުރުލުމުގެ ސައްހަ ކަމާމެދު ސުވާލެއް އަތުވެދާނެކަމަށްޓަކައި ޔުއޭފާއިން އެބުރުގެ ގުރުލުން ބާތިލް ކޮށް އަލުން ގުރުނަގާފައެވެ.
ދެވަނަ ބުރުގެ ގުރުއަތުލުން ދިޔަގޮތުން އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ ލިލްއާއެވެ. ބަޔާން މިޔުނިކާއި ރެޑް ބުލް ސާލްޒްބަރގް ބައްދަލުކުރާއިރު މެންޗެސްތަރ ސިޓީ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްޕޯޓިންގ ލިޒްބަންއާއެވެ. އަޔެކްސް އެމްސްޓަރޑަމް އާއި ބެންފީކާ ބައްދަލުކުރާއިރު މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެޓްލެޓިކޯ މެޑްރިޑާ. ޔުވެންޓަސް އާއި ވިޔަރެއާލް ބައްދަލުކުރާގޮތަށް ހަމަޖެހުނުއިރު ލިވަޕޫލް ބައްދަލުކުރާނީ އިންޓަރމިލާންއާއެވެ.
ގުރުލުން ދެވަނަ ފަހަރަށް ޔުއޭފާއިން ބޭއްވީ ފުރަތަމަ ބުރުގެ ގުރުލުމުގައި ވިޔަރެއާލް އާއި ބައްދަލުކުރާނެ ޓީމަކަށް މެންޗެސްޓަރ ޔުނައިޓެޑްގެ ބޯޅަ ނެގުމުންނެވެ. ނަމަވެސް ޔުއޭފާ ގަވައިދު ބުނާގޮތުން ފުރުސަތަ ބުރުގައި ވާދަކޮށްފައި ދެޓީމް އަލުން ދެވަނަ ބުރުގައި ނުޖެހޭނެއެވެ. އަދި އެއް ލީގަކަށް ނިސްބަތްވާ ދެޓީމެއްވެސް ދެވަނަ ބުރުގައި ނުޖެހޭނެއެވެ. އެހެން ކަމުން ވިޔަރެއާލްއަށް ފަހުން މެންޗެސްޓަރ ސިޓީ އާއި ބައްދަލުކުރާގޮތަށް ހަދައި ގުރުލުން ކުރިއަށް ގެންދިޔަ ނަމަވެސް އަނެއްކާވެސް ޔުނައިޓެޑް ވާދަކުރަން ޖެހޭ ޓީމާއި ނުކުރަންޖެހޭ ޓީމްގެ މެދުގައި އޮޅުން އަރައިގެންދިއުމުންނެވެ. މިގޮތުން އެޓްލެޓިކޯ މެޑްރިޑާއި ވާދަކުރަން ނުޖެހޭ ކަމަށް ނިންމިއެވެ. އަދި ލިވަޕޫލާއި ވާދަކުރަންޖެހޭ ކަމަށް އެފަރާތުން ބޭނުން ކުރަމުންދިޔަ ސޮފްޓްވއަރއިން ދެއްކިއެވެ. އެހެންކަމުން ޔުއޭފާއިން ވަނީ އެފަރާތުން ބެނުންކުރި ސޮފްޓްވެއަރގައި މައްސަލަތަކެއް ހުރުމާއެކު އަލުން ގުރުލުން ބާއްވާފައެވެ.
މިފަހަރުގެ ދެވަނަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ބައެއް ކަހަލަ ބަދަލުތަކާއެކުއެވެ. މިގޮތުން ދެލެގްގެ މެޗްތައް ހަތަރު ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ދެވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަނަރަ، ސޯޅަ، ބާވީސް އަދި ތޭވީހުގައެވެ. އަދި ދެވަނަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މާރޗްމަހުގެ އަށެއް، ނުވައެއް، ފަނަރަ އަދި ސޯޅަ ވަނަ ދުވަހުއެވެ. މިފަހަރު އެންމެ ބޮޑު ބަދަލަކަށް ވެގެން ދާނީ ދެވަނަ ބުރުން ފެށިގެން އެވޭ ގޯލް ރޫލް ބޭނުން ނުކުރާގޮތަށް ނިންމި ނިންމުމެވެ. އެހެން ކަމުން ވާދަކުރާ ދެޓީމް 180 މިނެޓްގެ ކުޅުމަށްފަހު އެއްވަރު ވަނަމަ ރަށުން ބޭރުގައި ޖަހާފައިވާ ލަނޑަށް ބެލުމުގެ ބަދަލުގައި އިތުރު ވަގުތު ކުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެވަރުން ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ޕެނަލްޓީ ޖަހާނީއެވެ. މިފަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލިގުގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހު ރަޝިޔާގެ ސެއިންޓް ޕީޓަރސްބަރގްގައެވެ.