ޚަބަރު

ހަފްތާރެސް މާދަމާ ލ.އަތޮޅުގައި ފަށަނީ


"ހަފްތާރެސް" މާދަމާ ލ.އަތޮޅުގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ހަފްތާރެސް ޕްރޮގްރާމަކީ މާލެއާއި އަތޮޅުތެރެއަށް އަމާޒުކޮށްގެން ކައުންސިލް ތަކާއި ގުޅިގެން ކޮންމެ މަހެއްގައި ކުރިއަށް ގެންދާގޮތަށް ރާވާލެވިފައިވާ ޕްރޮގްރާމެވެ.

މާދަމާ ލ.ފޮނަދޫގައި ފަށާ ޕްރޮގްރާމުގައި އެއަތޮޅުގެ 11 ރަށުން 66 މީހުން ބައިވެރިވާނެއެވެ. ލ.އަތޮޅުގެ ކައުންސިލްތަކަށް ދައުވަތު ދީގެން ބާއްވާ މި ޕްރޮގްރާމުގެ އެންމެ ބޮޑު މަޤުސަދަކީ އަމާން ފަހި މުޖުތަމަޢެއް ބިނާކުރުމުގައި އަދާކުރެވޭނެ ދައުރާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ދިނުމެވެ. އެގޮތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގެނެވުނު ބަދަލާއެކު، ކައުންސިލްތަކާއި މިނިސްޓްރީތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، ކައުންސިލްތަކަށް އޮތް ފުރުސަތުތައް މިބައްދަލުވުމުގައި ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއާއެކު ފަނާކުރަނިވި ފިކުރުތަކުން މުޖުތަމައު ސަލާމަތް ކުރުމާއި ގުޅޭގޮތުންނާއި، މުޖުތަމައުގައި ހުންނަ ނޭދެވޭ ވިސްނުމާއި އެކަންކަމާއި ގުޅޭ މުހިންމު ސެޝަންތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޖުތަމައުގެ އެންމެން ގޮވައިގެން އެންމެންގެ ބައިވެރިވުމާއެކު މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް މި ޕްރޮގްރާމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ހަފްތާރެސް ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވިޔަފާރީގެ މާހައުލަށް ތަޢާރަފުކޮށް، އެކަމަށް ހިތްވަރު ދިނުމާއެކު ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވުމެވެ.

ހަމައެއާއެކު ޕްރޮގްރާމުގެ ތެރެއިން މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އެކުވެރި، އުފާވެރި މާޙައުލެއްގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި ދިވެހި ޒުވާން މިއުޒީޝަނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، އެފަރާތްތަކުގެ ހުނަރު އިތުރުކޮށް، ހަފްތާރެސްގެ ތެރެއިން އެފަރާތްތައް މުޖުތަމަޢަށް ތަޢާރަފު ކުރެވިގެންދާނެއެވެ. މީގެ އިތުރުން މުޖްތަމަޢުގައި ހުންނަ އެކި އެކި މައްސަލަތަކާއި ގުޅޭ ދާއިރާތަކުން އާންމުންނާއި، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރެވިގެންދާނެއެވެ.