ޚަބަރު

އެއަރޕޯޓުގެ ތަރައްޤީއަށް 373 މިލިއަން ޑޮލަރުގެ ލޯނެއް ލިބިއްޖެ


އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތަށް ބޭނުންވާ ތިންސަތޭކަ ހަތްދިހަ ތިން މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޭ 373 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ޗައިނާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ފަތުރުވެރިކަމާބެހޭ ވަޒީރު މޫސާޒަމީރު ވިދާޅުވީ ފައިސާ ޚަރަދުކުރައްވާނީ ހަމައެކަނި އެއަރޕޯޓުގެ ރަންވޭ ބޮޑުކުރެއްވުމަށް ނޫންކަމަށެވެ.

މި ލޯނު ފައިސާ އެއަރޕޯޓުގެ ކާގޯ ކޮމްޕްލެކްސްއާއި، ފިއުލް ފާމެއް ހެދުމާއި އަދިވެސް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ އިތުރު ކަންކަމަށް ލޯނު ފައިސާ ބޭނުން ކުރައްވަން ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ނުވަ އެއިރޯ ބްރިޖަށް ބޭނުންވާވަރަށް އޭޕްރަން ބޮޑުކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 



ޗައިނާގެ މި ލޯން ހަމަޖެހުމުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ ދަށުން ލޯނު ފައިސާއިން ކުރިޔަށް ގެންދަވަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އެއަރޕޯޓްގެ އާ ރަންވޭ އެޅުމުގެ ޢަމަލީ މަސައްކަތް ޖެނުއަރީމަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށްވެސް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ވަޒީރު ވިދާޅުވީ ޗައިނާގެ އެގްޒިމް ބޭންކުން ދިވެހިރާއްޖެއަށް ދިން ލޯނަކީ ރާއްޖެއަށް ލިބިފައިވާ އެހެން ލޯނުތަކާ ޚިލާފަށް އަދި ޚާއްޞަކޮށް އެގްޒިމް ބޭންކުން ދޫކުރާ އެހެން ލޯނުތަކުގެ ނިސްބަތުން ވަރަށް ލުއިގޮތަކަށް ހަމަޖެހިގެންދިޔަ ލޯނެއްކަމަށެވެ. އެގޮތުން ލޯނުގެ އަނބުރާ ދެއްކުމަށް ފަނައަހަރުގެ މުއްދަތެއްވެސް ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާކަމަށް ވިދާޅުވިއެވެ.



ޗައިނާގެ އެގްޒިމް ބޭންކާއެކު ސޮއިކުރި ލޯން އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަކަށް އަދި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެކަމަށްވެސް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.