ކުޅިވަރު

ވިސާ ނުލިބުމުގެ ސަަބުން ނަބާ އާއި ނަބީއަށް ވޯލްޑް ޗެމްޕިއަންޝިޕް ގެއްލިއްޖެ


ބެޑްމިންޓަން ޗެންޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ދެބެންކަމަށްވާ ނަބީއާއި ނަބާއަށް ގެއްލިއްޖެއެވެ.

ސްޕެއިނުގައި މިއަދު ފަށާ ބެޑްމިންޓަން ދުނިޔޭގެ މުބާރާތް، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އަށް ގެއްލުނީ ވިސާ ހަމަނުޖެހޭތީއެވެ.

ނަބާ އާއި ނަބީ އަށް ބެޑްމިންޓަން ވޯލްޑް ޗެންޕިއަންޝިޕްގައި ފުރުސަތު ލިބުނީ އަންހެން ޑަބަލްސް ބައިންނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް މި ފުރުޞަތު ލިބުނު މި ފަދަ ފުރަތަމަ ފުރުސަތެވެ. ނަމަވެސް، ސްޕެއިނަށް ދާން ހޯދަން ޖެހޭ ޝެންގެން ވިސާ ހަމަނުޖެހިގެން ރާއްޖެއަށް ލިބުނު މި ރަނުގެ ފުރުޞަތު މިވަނީ ގެއްލިފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ވިސާ ހަމަޖައްސަން ޖެހޭނީ އެސޯސިއޭޝަނާއި ކުޅުންތެރިޔާ ގުޅިގެންނެވެ. ވަގުތު ކުޑަތަންވެފައި އޮތުމުން އެކަން ނުކުރެވުނީކަމަށް މަޢުލޫމާތުލިބެއެވެ. ވިސާ ހަމަނުޖެހިގެން ނަބާ އާއި ނަބީ އަށް މުބާރާތަށް ނުދެވޭކަން އެންގީ ފުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިންނެވެ.

ބަންގްލަދޭޝްގައި މި މަހު ބޭއްވި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ވާދަކުރުމަށް ފަހު ނަބާ އާއި ނަބީ ރާއްޖެ އައީ މި މަހު ފަސް ވަނަ ދުވަހުއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފައެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

ނަބާ އާއި ނަބީ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލާއިރު އަންހެން ޑަބަލްސްގައި ދެބެއިން ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލްއެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލްކަންވެސް ފާހަގަކޮށްލެވެއެވެ.