ޚަބަރު

ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ރ ރަސްމާދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ. ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 74 އިންސައްތަ މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގައެވެ. ކޯވިޑްގެ ބަލި މަޑުކަމާ ގުޅިގެން ދިމާވި އެކިި ސަބަބުތަކާހުރެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ.

ރަސްމާދޫގައި ކުރިން އޮތް ބަނދަރު ބޭނުން ނުކުރެވޭ ވަރަށްވަނީ ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ ބަޔަކު އުޅޭ ރަސްމާދޫގައި ގެންގުޅޭ ބޮޑެތި އޮޑިދޯނިފަހަރު ފަޅުގައި އެޅުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދި ބަނދަރުގެ ބޭރޮ ތޮށި އެއްކޮށް ހަލާކުވެފައި އޮތުމަކީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް ނިމިފައިވާއިރު، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މިހާރު ކުރަމުންދަނީ ބަނދަރަށް އަލަށް އިތުރު ކުރާ 190 ފޫޓު ދިގު 90 ފޫޓު ފުޅާ ސަރަހައްދު ފުންކުރުމުގެ މަސަކަތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ދުވާރުލާ ނެރުބައްތި ހަރުކުރުމަކީ ބަނދަރު ހެދުމުގެ މަސައްކަތުގެ އިތުރުން ހަވާލުކުރެވުނު މަސައްކަތެއްކަމަށާ، މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ އެސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްމިއޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ނިމޭވަރުވާނެކަމަށެވެ. އަދި މިމަސައްކަތް ނިމުމުން މިމަސްތެރޭގައި ކީވޯލް އެތުރުމުގެ މަސައްކަތް ފެށޭނެކަމަށް އާސިފް ވިދާޅުވިއެވެ. ބަނދަރާ ގުޅުވައިގެން ހަދާ މި ސަރައްދުގައިވެސް ބޭރު ތޮށިލުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 28.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.