ޚަބަރު

އަދުހަމަށް ޙުކުމް އިއްވުން އަންގާރަ ދުވަހު، ސާބިތުވެއްޖެނަމަ 23 އަހަރަށް ޖަލަށް!


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިންހަމާލާގާއި ބޮން ގޮއްވާލި އަޙްމަދު އަދުހަމަށް ޙުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތަޢާވަލުކޮށްފިއެވެ.

އަދުހަމަކީ މެއި 6ވަނަ ދުވަހު ރައިސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި، ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ 4 ދަޢުވާއެއް އުފުލާފައެވެ. އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއްކުރުން، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަންއުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިޢުތިރާފްވެފައެވެ. ދައުލަތުން އަދުހަމްގެ މައްޗަށް ދައުވާ އުފުލީ އޭނާ ކުށަށް އިޢުތިރާފްވުމުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހުއެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ކަނޑައަޅައި މިމައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. ޕްރޮސެކިއުޓަރަ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، އަދުހަމާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން މިއަދު ޝަރީއަތަށް ބަލައިގަނެފައިވާކަމަށެވެ. އަދި އަދުހަމްގެ މައްޗަށް އަވަސް ނިޔާގެ ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ތަޢާވަލުކުރައްވާނެކަމަށް މައްސަލަ ބައްލަވާ ޤާޞީ މިއަދުގެ ޝަރީޢަތުގައި ވިދާޅުވިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި އޭނާގެ މައްޗަށް 23 އަހަރުހެ ޖަލު ޙުކުމެއް އަންނާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ކުރިން ވިދާޅުވެފައިވަނީ އިއުތިރާފް އެއްބަސްވުން ހެދެނީ ޖިނާއީ އިޖުރައާތުގެ ޤާނޫގެ ދަށުން ކަމަށެވެ. ޤާނޫނުގެ ތެރެއިން އެއްބަސްވުން ހަދާއިރު، ކުށްވެރިއާއެކު ވެވޭނެ އެއްބަސްވުންތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަދުހަމްއާއެކު އެއްބަސްވެފައިވަނީ ޤާނޫނުގެ ތެރެއިން ކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށެވެ.

މި ހަމަލާގައި ބައިވެރިވި ފަރާތްތަކަކީ އައިސިސްގެ ފިކުރަށް ތާއީދުކޮށް ރާއްޖޭގައި އައިސިސްގެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައެއްކަންވެސް ފުލުހުންގެ ތަހުގީގުން ހާމަވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ މީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫންކަމާއި ދިވެހި ބިމާއި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް އެމީހުން ގަބޫލުކުރާކަންވެސް ފުލުހުންގެ ތަހުގީގަށް ހާމަވެގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.