ޚަބަރު

100 ކިލޯގެ ޑްރަގް އޮޕަރޭޝަން: ދެ ބިދޭސީން ފިޔަވައި އެންމެން ދޫކޮށްލައިފި


ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފިއެވެ.

މިމައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެފަހުން ދޫކޮށްލި ތިން މީހުންނަކީ ނ.ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ (19އ)އާއި، ލ.ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު (34އ)އާއި، ދ.ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން (61އ)އެވެ. މިމީހުން ބަންދުން ދޫކޮށްލީ ބަންދުގައި ބައިތިއްބަން ޖެހޭވަރުގެ އެއްވެސް ހެއްކެތް ނެތުމުންނެވެ.

މިތިން މީހުންނާއިއެކު މިމައްސަލާގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 ބިދޭސީން ފިޔަވައި އެންމެންވަނީ ދޫކޮށްލާފައެވެ. ބަންދުގައި މިހާރުތިބީ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ރަފީގުލްއިސްލާމް (35އ)އާއި، ޑީއެމް މޮބިން (24އ)އެވެ.

ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވާފައެވެ. މިގޮތަށް ޕީޖީން ނިންމާފައިވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނުމާއި، މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެތީ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.