ކުޅިވަރު

މިރޭގެ މެޗްގައި ދިވެހި ޓީމް ތަފާތުވާނެ - ސާޖިދު


ރާއްޖެއިން ސްރީލަންކާއާއި ދެކޮޅަށް މިރޭ ނިކުންނާނީ ކުރިން ކުޅުނު ދެ މެޗަށް ވުރެއް ވަރުގަދަކޮށްކަމަށް ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) ބުނެފިއެވެ. މިމަހުގެ 22ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އާއި ސްރީލަންކާއިން މިހާރު ކުޅެމުންދާ އެކުވެރިކަމުގެ 3 މެޗްގެ ތެރެއިން 2 މެޗް މިހާރު ކުޅެފައިވާއިރު، މިދެ މެޗްވެސް ކާމިޔާބުކޮށްފައިވަނީ ސްރީލަންކާއިންނެވެ. މިދެ މެޗްވެސް ސްރީލަންކާއިން ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ.

ޤައުމީ ވޮލީ ޓީމުގެ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ އަދި ޤައުމީ ކެޕްޓަން އިސްމާޢީލް ސާޖިދު ބުނީ މެޗަކަށް ފަހު މެޗެއް ޓީމްގެ ކުޅުން ރަގަނޅުވަމުން އަންނަކަމަށެވެ. މިއީ ކޯވިޑްގެ ހާތަލަށްފަހު ފާއިތުވެގެން ދިޔަ ދެ އަހަރުގެ ތެރޭގައި ޤައުމީ ވޮލީ ޓީމުން ކުޅޭ ވާދަވެރި މެޗްތަކެވެ. ކެޕްޓަން އިސްމާޢީލް ސާޖިދު ބުނީ ފުރަތަމަ މެޗްގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއްކަމަށާއި ނަމަވެސް ދެވަނަ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އެޓޭކްތަކާއި ބުލޮކްތައްވެސް ރަގަނޅުކަމަށް ސަޖިދު ބުންޏެވެ. ރަހުމަތްރިކަމުގެ ފުރަތަމަ މެޗުގެ ލަންކާއިން ސެޓުތައް ގެންދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. އަދި ދެވަނަ މެޗުގެ ސެޓުތައް ދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ. ސާޖިދުބުނީ ޕްރެކްޓިސްތައް މަދުވުމާއި ކޯވިޑްގެ ސަބަބުން ފަރިތަކުރުންތަކަށް ބުރު އެރިކަމަށެވެ. ނަމަވެސް މިހާރު ފަރިތަކުރުންތައް ފެށުމާއެކު ކުޅުންތެރިން މަޑުމަޑުން ފޯމަކަށް އެޅެމުންދާކަމަށެވެ.

"ފުރަތަމަ މެޗާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބްރޭކަކަށް ފަހު އަޅުގަނޑުމެން މެޗެއް މި ކުޅުނީ، ގާތްގަނޑަކަށް ބުނަންޏާ ލޮކްޑައުނަށް ފަހު ދެ އަހަރެއްހާ ދުވަސް ކޮށްފަ މެޗެއް މި ކުޅުނީ. އެންމެން އެއްކޮށް ހަމަވެގެން ޕްރެކްޓިސް ކުރެވުނީ އެއް މަސް ދުވަސް. ތަންކޮޅެއް ބޮޑަށް ލަންކާ ޓީމު ބަދަލުވެފައި އޮތީމައާއެކު ކޮންފިޑެންސާއި މެޗު އެކްސްޕީރިއަންސް މި ދޭތެރޭގައި ދަށްވުން އެއީ ދިމާވި ކަމަކީ. ދެން ފުރަތަމަ މެޗަށް ވުރެ ދެ ވަނަ މެޗު ހިތްހަމަޖެހޭ އެކަމު، ސެޓެއް ނުލިބުނީމަ ފުދޭވަރަކަށް ދެރަވޭ. ދެ ވަނަ މެޗުގައި ވަރަށް ރަނގަޅަށް ކުޅެވިފައި ދިޔައީ. ޑިފެންސް ބޯޅައިގައި ގިނަ ބޯޅަތައް އަޅުގަނޑުމެންނަށް ނުނިންމިގެން ދިޔައީ. އޭގެއިން އަޅުގަނޑުމެންނަށް ލީޑު ނަގަން ލިބޭ ޕޮއިންޓްތައް ވެސް ގެއްލިގެން މިދިޔައީ. އަމިއްލަ މިސްޓޭކް ވެސް ތަންކޮޅެއް ގިނަވީ." ކެޕްޓަން ސާޖިދު ބުންޏެވެ.

ޤައުމީ ވޮލީ ޓީމާއި ލަންކާގެ ވޮލީ ޓީމް ކުޅޭ އެކުވެރިކަމުގެ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރުއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.