ޚަބަރު

ށ.ކޮމަންޑޫ އާއި ނ.ހޮޅުދޫއަށް އުދައަރައިފި


ށ. ކޮމަންޑޫ އިރު
އުތުރު ފަރާތަށާއި ނ. ހޮޅުދޫ އިރު އުތުރު ފަރާތުން އުދައަރައި ބައެއް ސަރަޙައްދު
ތަކުގައި ހުރި ގެތަކަށް ގެއްލުންތައް ލިބިއްޖެއެވެ.

ފުލުހުން
ވިދާޅުވީ ށ. ކޮމަންޑޫ އަށް އުދައަރަން ފަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރުކަމަށެވެ.
އެގޮތުން އެރަށު އިރު އުތުރު ފަރާތުން 300 ފޫޓެއްހާ އެއްގަމަށް
ރާޅުއަރާފައިވާކަމަށް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއެވެ.

ފުލުހުން
ވިދާޅުވީ ކޮމަންޑޫއަށް އުދައެރުމާ ގުޅިގެން
އެރަށުގެ ގެއަކަށް ލޮނުގަނޑުވަދެ އެގޭގައި ހުރި މުދަލަށް ވަރަށް ބޮޑަށް ގެއްލުން
ލިބިފައިވާކަމަށެވެ. މިގޮތުން ރާޅުއެރުމުގެ ސަބަބުން އެގެއިން ކަރަންޓު
ކަނޑައިގެން ދިޔަކަމަށާއި، އެވަގުތު އެ ގޭގައި މީހުން ތިބުން ރައްކާތެރިކަމަށް
ނުވާތީ އެގޭގެ މީހުން ކައުންސިލްގެ އެހީތެރިކަމާއެކު އެހެން ގެއަކަށް ބަދަލުކުރިކަމަށް
ފުލުހުން ވިދާޅުވެއެވެ. އަދި ލޮނުގަނޑު ރަށުތެރެއަށް ދިޔަ
ނުދިނުމަށް ކައުންސިލްގެ މެމްބަރުންނާ ފުލުހުންނާ ރައްޔިތުން ގުޅިގެން ކުރި
މަސައްކަތުން، ރަށުގެ ޢާއްމު ޙާލަތު މިހާރު ރަނގަޅު ކަމަށް ކޮމަންޑޫ ޕޮލިސް
ސްޓޭޝަނުން މައުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ ނ. ހޮޅުދޫއަށްވެސް
އުދައިގެ އަސަރު ކުރަން ފަށާފައިވަނީ ރޭ ދަންވަރު 02:00 ހާއިރު ކަމަށެވެ. ހޮޅުދޫއަށް އެރި އުދައިގެ އަސަރު
ރަށުގެ އިރު އުތުރު ފަރާތުން 200 ފޫޓެއްހާ ހިސާބަށް ކުރިކަމަށާއި، މީހުން ދިރިއުޅޭ
3 ގެއަކާއި ހަމައަށް ލޮނުގަނޑު ދިޔަނަމަވެސް ވެލިބަސްތާ ޖަހައިގެން ކުރެވުނު
މަސައްކަތުން އެއްވެސް ގެއަކަށް ލޮނުގެ އަސަރު ކުރިޔަނުދީ ލޮނުގަނޑު ހިފެހެއްޓުނުކަމަށް
ފުލުހުން ވިދާޅުވެއެވެ. ހޮޅުދޫގެ ޢާއްމު ޙާލަތުވެސް މިހާރު ރަނގަޅުކަމަށް ހޮޅުދޫ
ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވައެވެ.















މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި
އަދިވެސް އުދައެރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.