ޚަބަރު

މުޖުތަމައުގެ އަޚްލާގާއި، ހަމަޖެހުން ގާއިމްކުރުމުގައި ޖަމްއިއްޔާތަކުގެ ދައުރުބޮޑު: ހުސައިން


މުޖުތަމައުގައި އޮންނަ ހަމަޖެހުމާއި، އަޚުލާގު ހިފެހެއްޓޭނީ އެމުޖުތަމައެއްގެ ޖަމްއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި އެކުގައި ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަރުދަނާ މަދަނީ މުޖުތަމަޢެއް ބިނާކުރުމަށް މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ނ، ރ، ބ. ޅ. ގައި ހިމެނޭ ޖަމްއިއްޔާތަކާއެކު ބޭއްވި މަހާ ސިންތާ ކާމިޔާބު ކަމާއިއެކު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން އިސްމާއީލް ވިދާޅުވީ ޤައުމެއްގެ ތަރައްޤީއާއި އެއްވަރަށް މުޖުތަމައުގެ އަޚްލާގައި ހަމަޖެހުމަކީވެސް މުހިންމު އެއްޗެއް ކަމަށެވެ. މިކަން ކުރުމުގައި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ދައުރަކީ ބޮޑު ދައުރެއް ކަމަށާއި، ސަރުކާރުން އެމަގު ޖަމްއިއްޔާތަކަށް މިއަދު ހުޅުވާލާފައިވާކަމަށެވެ.

އަދި މިބޭއްވި މަހާސިންތާއިން، މިއަތޮޅުތަކުގައި ހުރި މައްސަލަތައް ދެނެގަނެވި، މިކަންކަމުގައި ޖަމްއިއްޔާތަކަށް އަދާކުރެވޭނެ ދައުރަކީ ކޮބައިކަން ސާފުވެފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކީ އަމާން މުޖުތަމެއް ޤާއިމްކޮށް ތަރައްޤީ ގެނައުން ކަމަށާއި، އެކަން ކުރުމުގައި ޖަމްއިއްޔާތަކުގެ ބައިވެރިވުން ބޮޑުކަމަށް ހުސައިން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަދަނީ ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ މަހާސިންތާގެ މަޤްސަދު ހާސިލް ކުރުމުގައި، ޖަމްއިއްޔާތަކުން ގުޅިގެން އަދާކުރި މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ. އަދި ޖަމްއިއްޔާތަކުން އެދުނު ކަންކަމުގައި މިނިސްޓްރީން ވެދެވެން އޮތް އެއްބާރުލުމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މިމަހުގެ 7 އިން 11 އަށް ކުރިއަށްގެންދިޔަ މަހާސިންތާގައި ނ.ރ.ބ.އަދި ޅ.އަތޮޅުގެ 33 ޖަމްއިއްޔާއަކުން 34 މީހަކުވަނީ ބައިވެރިވެފައެވެ. ޔޫތު މިނިސްޓްރީން ކުރިއަށްގެންދިޔަ މި މަހާސިންތާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ޔޫއެންޑީޕީއާއި އިސްލާމިކް ޔުނިވަރސީޓީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ތަފާސްހިސާބާ ބެހޭ ޤައުމީ މަރުކަޒާއި އެލްޖީއޭއިން ވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.

މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަދާނީ ލިޔުންވެސް ވަނީ ދީފައެވެ.