ވިޔަފާރި

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 79 މިލިއަން ރުފިޔާ


މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 79 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 46.2 އިންސައްތަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ނޮވެމްބަރުމަހުގެ ނިޔަލަށް ލިބިފައިވަނީ 54 މިލިއަން ރުފިޔާއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެގޮތުގައި 79 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރޭގައި ހިމެނެނީ 78 މިލިއަން ރުފިޔާ އާއި 23792 ޑޮލަރެވެ. ނޮވެމްބަރުމަހަށް ބަލާއިރު އެ މަހު މުދަލުގެ ޒަކާތުގެ ގޮތުގައިވަނީ 19 މިލިއަން ރުފިޔާ ލިބިފައެވެ. އަދި 55000 ޑޮލަރު ލިބިފައިވެއެވެ. ނޮވެމްބަރުމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 3 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 148 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަކީ 6878.20 ރުފިޔާއެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.