ޚަބަރު

ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލުމަށް "ސްމާޓްކޮމް"


ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލުމަށް "ސްމާޓްކޮމް"ގެ ނަމުގައި ބްރޭންޑެއް ތަޢާރަފްކޮށްފިއެވެ.
މި ބްރޭންޑަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ތަޢާރަފްކުރި ބްރޭންޑެކެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛް ފައްޔާޒު އިސްމާއިލްއެވެ.

ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހުޅުމާލޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް، ރައްޔިތުން ހިމެނޭހެން ޕާޓްނާޝިޕްތައް އުފައްދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި މި ބްރޭންޑުގެ ސަބަބުން ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަން ބޭނުން ކޮށްގެން ރައްޔިތުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސް ދެވޭނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒް ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. މީގެ ކުރިން ޑިޖިޓަލައިޒޭޝަން މަސައްކަތްތަކަށް ސަރުކާރުން އިންވެސްޓްކޮށްފައިހުރީ ވަރަށް މަދުންކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވޭނީ ޓެކްނޮލޮޖީ ކުރިއަރުވައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ތެރޭގައި އިންޓަރނޭޝަނަލް ޕާޓްނާސްއާ ގުޅިގެން އަޅުގަނޑުމެން މިގެންދާ ޕްރޮގްރާމަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އަޅުގަނޑުދެކެން، ސްމާޓްކޮމް ޕްރޮޖެކްޓަކީ. މިއީ އެހެން ފަރާތްތަކަށް ވެސް ތަޖުރިބާއަކަށްވެ، ސަރުކާރަށް ވެސް އަދި އެހެނިހެން ޕްރައިވެޓް ސެކްޓަރތަކަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ބިން ކުޑަ ސަރަހައްދެއްގައި ބޮޑު އާބާދީއެއް އުޅެން ޖެހުމުން ގިނަ ގޮންޖެހުންތަކާ ދިމާވާ ކަމަށާއި ސްމާޓް ސިޓީއެއް އުފެއްދުމުގެ ބޭނުމަކީ މިފަދަ ކަންކަމުން އަރައިގަތުން ކަމަށް ކަމަށެވެ. އަދި ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ވެސް ތަރައްގީ ކުރަމުން އަންނައިރު އެތަންތަނުގައިވެސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

"ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސިޓީތައް ތަރައްގީ ކުރުމަކީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް. މި ވަސީލަތްތަކުގެ ސަބަބުން ފުރިހަަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން ކުނި މެނޭޖު ކުރުމާއި ރައްކާތެރި މާހައުލެއް ގާއިމު ކުރުން ފަދަ ގިނަ ކަންކަން ހާސިލް ކުރެވިގެންދޭ. ފަހަރެއްގައި މިއީ ގިނަ ދުވަސްތަކެއް ވެގެންދާނެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް މިއަދު އަޅުގަނޑުމެން މިދަނީ މި ހުވަފެން ހަގީގަތަކަށް ހަދަމުން،"އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

ސްމާޓްކޮމްގެ ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ސިއްހަތާއި ގުޅުން ހުރި ކަންކަން ކުރިއެރުމާއި ދަތުރުފަތުރުގެ ނިޒާމައް ކުރިއެރުން ލިބިގެންދާނެއެވެ. މީގެ އިތުރުން އާއްމުންނަށް ދޭ ޚިދުމަތްތައް ރަނގަޅުވުމާއި ރައްޔިތުންނަށް އާއްމު ތަންތަނުގައި ރައްކާތެރިކަން ކަށަވަރުވުމާއި ވިޔަފާރި އާއި އިޤްތިސާދު ކުރިއެރުމުގެ އިތުރަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ހުޅުމާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވާކްއާއެކު ޑިޖިޓަލް އިންފްރާސްޓްރާކްޗާއެއް ގާއިމު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލާފައެވެ. މި ނެޓްވޯކް މެދުވެރިކޮށް ޓެލެކޮމިއުނިކޭޝަން ޚިދުމަތާއި އިންޓަނެޓާއި ޓީވީގެ ޚިދުމަތްތައް ދޭ ފަރާތްތަކަށް އެއް ވިއުގައެއް މެދުވެރިކޮށް އެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.