ޚަބަރު

ދިވެހި ރާއްޖޭގެ އަޑުން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފަށައިފި


ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.މިއަދު ހެނދުނު 9:00ގައި ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ފެށި މި ކޭމްޕަކީ، ދިވެހިރާއްޖޭގެ އަޑާއި މޯލްޑިވްސް ބްލަޑް ސާރވިސަސް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.މި ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށެވެ. މި ކޭމްޕަށް ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު ރޭޑިއޯގެ އެހުންތެރިންނާއި، ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސްވަނީ ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ނަން ނޯޓް ކުރުމަށް 3000210 އަދި 7999082 ނަންބަރަށް ގުޅުމުން ލޭ ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.މި ކޭމްޕަށް ހަދިޔާކުރާ ލޭ، ތެލެސީމިއާ ކުދިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހަކީ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހެވެ. މި ދުވަހާއި ގުޅިގެން ވަރަށް ހާއްސަ އިތުރު ޙަރަކާތްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.