ކުޅިވަރު

އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމްގެ ކޯޗަކަށް މަޝަރާނޯ


އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކޯޗް ކަމާއި އެޤައުމުގެ ކުރީގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ހާވިއޭ މަޝަރާނޯ ހަވާލުވާން ނިންމައިފިއެވެ. މިގޮތުން މިއަންނަ މަހުން ފެށިގެން މަޝަރާނޯ އެ މަގާމާއި ހަވާލުވާނެއެވެ.

އުމުރުން 37 އަހަރުގެ މަޝަރާނޯ ވަނީ އާޖެންޓީނާ ޤައުމީ ޓީމަށް 147 މެޗް ކުޅެދީ އަދި އެޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ ތަޖްރިބާރު ކުޅުންތެރިޔެކެވެ. ނަމަވެސް މިއީ އޭނާ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ފުރަތަމަ ފަހަރެވެ. މަޝަރާނޯ އެންމެ ފަހުން ކުޅެފައިވަނީ އެސްޓޫޑިއެންޑޭއަށެވެ. އަދި ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުއެވެ. މަޝަރާނޯ ބާސެލޯނާގައި ހޭދަކުރި އަށް އަހަރުގެ ތޭރެގައިވަނީ ފަސް ފަހަރަށް ލަލީގާ ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލިގު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ރިވަރ ޕްލޭޓުން ކުޅުން ފެށި މަޝަރާނޯވަނީ 2006 ވަނަ އަހަރު ވެސްޓް ހޭމް ޔުނައިޓެޑާއި ގުޅިފައެވެ. އަދި ޖެހިގެން އައި އަހަރު ލިވަޕޫލަށް ސޮއިކުރިއެވެ. އަދި ބާސެލޯނާއަށް ބަދަލުވެފައިވަނީ 2010 ވަނަ އަހަރުއެވެ. 2014 ވަނަ އަހަރު ވާރލްޑް ކަޕްގެ ފައިނަލްގައި ވާދކުރި އާޖެންޓީމާ ޓީމްގައި މަޝަރާނޯވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.