ކުޅިވަރު

ވާދަވެރި މެޗު، 3 ސެޓުން ލަންކާ ކާމިޔާބުކޮށްފި


އެކުވެރިކަމުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަމަށްފަހު ލަންކާ އަތުން ރާއްޖެ ބަލިވެއްޖެއެވެ. ޤައުމީ ވޮލީ ޓީމާއި ސްރީލަންކާގެ ގައުމީ ވޮލީ ޓީމްވެސް މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ ފަހު ކޮޅުގައި އޮންނަ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތަށެވެ. ލަންކާއާއި ދެކޮޅަށް ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗްވެސް ބަލިވެފައިވަނީ ސީދާ 3 ސެޓުންނެވެ. ރޭ މެޗުން ރާއްޖެން 3 ސެޓުން ބަލިވިނަމަވެސް، ފުރަތަމަ މެޗާއި ޚިލާފަށް، ރާއްޖޭގެ ޓީމުންވަނީ މޮޅު ކުޅުމެއްދައްކާ ލަންކާއަށް ޕްރެޝަރެއް ދީފައެވެ.

ރޭގެ މެޗްގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-19، 25-21 އަދި ފަހު ސެޓް ލަންކާއިން ގެންދިޔައީ 25-23ހުންނެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭގައި ކުޅުނު މެޗްގެ ފުރަތަމަ ސެޓްގައި ރާއްޖެއިން ވަނީ ފަށާ ހަޔަކަށް ބަދަލް ތަކެއް ގެނެސްފައެވެ. ސެޓަރު ހުސެއިން ޝާހިދާއި އާދަމް ނަސީމް ފުރަތަމަ 6އެއްގައި ހިމެނިއެވެ. އެގޮތުން އާދަމް ވަނީ ރޭގެ މެޗްގައި މޮޅު ކުޅުމެއްދައްކާފައެވެ. މެޗްގެ ފުރަތަމަ ސެޓްގެ 7 ޕޮއިންޓާއި ހަމައަށް ދިޔައީ ވަރަށް އެއްވަރަކަށް ކުޅެމުންނެވެ. ނަމަވެސް ލަންކާއިން 8ވަނަ ޕޮއިންޓް ނެގިފަހުން ރާއްޖެއަކަށް މެޗްގެ ފުރަތަމަ ސެޓްގައި ލަންކާއާއި އަރާ ހަމައެއް ނުކުރެވުނެވެ. ބައެއް އަމިއްލަ މިސްޓޭކްތަކެއްގެ ސަބަބުން ލަންކާއިން ލީޑްގައި ކުޅެމުންގޮސް މެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރިއެވެ.

މެޗްގެ ފުރަތަމަ ސެޓެކޭ އެއްގޮތަށް ރާއްޖެއިން މެޗްގެ ދެވަނަ ސެޓުވެސް ފެށީ ވަރަށް ވަރުގަދަކޮށެވެ. ދެވަނަ ސެޓްގެ 3 ޕޮއިންޓާއި ހަމައަށް ރާއްޖެއިން ދިޔައީ ވަރަށް ވަރުގަދައަށް ކުޅެމުންނެވެ. ނަމަވެސް ލަންކާއިން އެޓީމުގެ އެޓޭކް ވަރުގަދަކޮށް، ލީޑްނަގާ، ލީޑްގައި އޮވެގެން ކުޅެމުންދިޔައެވެ. މިސެޓްގައި ރާއްޖެއަށް އެއްވަރު ކުރުމަށްވެސް ލަންކާއިން ފުރުސަތެއް ނުދެއެވެ. ނަމަވެސް ފުރަތަމަ މެޗާއި އަޅާބަލާއިރު، މިމެޗްގައި ރާއްޖޭގެ އެޓޭކާއި ބުލޮކްތައް ރަގަނޅުކަން ފާހަގަކޮށްލެވުނެވެ. ދެވަނަ ސެޓްގައި ރާއްޖެއިން ކުރީކޮޅުގައި ލީޑްވެސް ނެގިއެވެ. ނަމަވެސް އެލީޑް ރާއްޖެއަށް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ދެވަނަ ސެޓްގައި މެދަކާއި ހަމައަށް އައިއިރު، ލަންކާއިން ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ރާއްޖެއިން ކުޅުން ރަގަނޅުކޮށް ލީޑް ހަނިކުރި ނަމަވެސް، ލަންކާގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މެޗްގެ ފަހު ސެޓްވެސް ދިޔައީ މެޗްގެ ފުރަތަމަ އަދި ދެވަނަ ސެޓްއެކޭ އެއްގޮތަށް ވަރަށް ވާދަވެރިކޮށްށެވެ. މިސެޓްގައި ލަންކާއިން ލީޑް ނެގިނަމަވެސް، ރާއްޖޭގެ އަލީ ހުޒާމް އާއި މުޙައްމަދު ސާޖިދުވަނީ ރަގަނޅު އެޓޭކްތަކެއްކޮށް، ލީޑް ހަނިކޮށްފައެވެ. އަދި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަގަނޅު ބުލޮކްތަކެއްވެސް ފެނިގެންދިޔައެވެ. ވާދަވެރި ކުޅުމަކަމަށްފަހު ރާއްޖެއިން ފަހު ސެޓްގައި 15-15އިން އެއްވަރުކުރިއެވެ. ޖެހިގެން އައި ޕޮއިންޓްގައި ރާއްޖެއިން ޖެހި ބޯޅަ އެތެރެކަމަށް ނިންމުމުން، ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތހަމަ ނުޖެހުން ފާޅުކުރިއެވެ. އަދި ރެފްރީވަނީ ލަންކާގެ ކުޅުންތެރިއަކަށް ރަތް ކާޑުދައްކާ، ރާއްޖެއަށް ޕޮއިންޓެއް ދީފައެވެ. އަދި މިޕޮއިންޓާއެކު ރާއްޖެއަށް މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ލިބުނެވެ. އެއީ 19-18އިންނެވެ. ނަމަވެސް ލަންކާއިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، އަލުން ލީޑް ނަގާ ސެޓް ކާމިޔާބުކުރިއެވެ.

ރާއްޖެއިން 2019 ވަނަ އަހަރު އޮގަސްޓް މަހުގައި މާލޭގައި ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ޖެހިގެންއައި ދެ މެޗްވެސް ދިޔައީ 3 ސެޓް 1 ސެޓުންނެވެ. ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ފަހު މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.