ޚަބަރު

ކ.ގާފަރުގައި ފުލުހުންގެ ޚިދުމަތް ފަށައިފި


މާލެ އަތޮޅު ގާފަރުގައި ފުލުހުންގެ ޚިދުމަތް ފަށައިފިއެވެ. ގާފަރުގައި ފުލުހުންގެ ޚިދުމަތް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

ފުލުހުންގެ ޚިދުމަތް ގާފަރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޤައުމުގެ އިޤްތިޞާދާއި ގުޅިފައިވަނީ އަމާންކަމާއި ރައްކާތެރިކަންކަމަށެވެ. މިގޮތުން މުޅި ރާއްޖެއަކީ އަމާން ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ފެށުމަށް މަސައްކަތްކުރައްވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާގޮތަށް 2023ގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށޭނެކަމަށެވެ.

މިގޮތުން އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅަކުރައްވަމުން އަންނަކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ވަނީ ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ގާފަރުގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމާއެކު، މާލެ އަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުފެށިވަނީ އެންމެ ރަށެއްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކ.ދިއްފުއްޓެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ދިއްފުށީގައިވެސް ފުލުހުންގެ ޚިދުމަތް އަންނަ އަހަރު ފެށޭނެކަމަށެވެ.

ގާފަރުގައި ފުލުހުންގެ ޚިދުމަތް ފެށުމަށްފަހު، ޕޮލިސް ޕޯސްޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ގާފަރުގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސސްމިއްޔާތުގައި ފުލުހުންގެ ސެންޓްރަލް ކޯމްޑްގެ ވެރިންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.