ޚަބަރު

މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް 900 މިލިއަން ރުފިޔާގެ މަޝްރޫޢުތައް


ފެލިވަރުގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދަކަށް ފެލިވަރަށް މަސްގަނެފައިވަނީ ފާއިތުވި 3 އަހަރުތެރޭގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ދިމާކޮށް ޅ.ފެލިވަރުގައި 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފެލިވަރުގައި 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފެލިވަރުގެ ތާރީޚުގައިިވެސް އެންމެ ގިނަ ޢަދަދަކަށް ފެލިވަރަށް މަސް ގަނެފައިވަނީ ވޭތުވެގެންދިޔަ 3 އަހަރުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފެލިވަރުގެ ތާރީޚުގައިވެސް 2006 ވަނަ އަހަރުގެ ފަހުން އެންމެ ގިނަ ޢަދަދަކަށް މަސްގަނެފައިވަނީ 2019ގެ ފަހުން. އޭގެކުރިން އެންމެ ގިނަ ޢަދަދަކަށް މަސް ގަނެފައިވަނީ 4000 ޓަނުގެ މަސް. 2019 ގެ ފަހުން ފެލިވަރާއި ރާއްޖޭގެ އުތުރުން ވަނީ 12000 ޓަނުގެ މަސް ފެލިވަރަށް ގަނެފައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފެލިވަރުގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުގައި މަސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތާއި ކަނޑު އޮއްގިރިއާއި ކޫއްޑޫ އިތުރަށް ތަރައްޤީކޮށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިމަސައްކަތްތަކަށް ކުރިއަށް އޮތްއަހަރުތަކުގައި ދައުލަތުގެ ބަޖެޓުން 900 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން މަސްވެރިކަމުގެ ސިނާޢަތުގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތެވެ. އެގޮތުން ފެލިވަރަށް މަސްކިރާ 2500 މެޓްރިކް ޓަނުގެ ބޯޓަކާއި މަސް ފިނިކުރުމުގެ ނިޒާމާއެކު 100 މެޓްރިކް ޓަނުގެ ދެ ބޯޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ފެލިވަރުގައި 5 ހެކްޓަރުގެ ބިން ހިއްކާ މަސް ގަންނަ 3500 މޭޓްރިކް ޓަނުގެ ބޯޓުތަކަށް ގާތްކުރެވޭނެފަދަ ބޮޑު ޖެޓީއެއް ގެ އިތުރުން ފެލިވަރުގައި ކުދި އުޅަނދުތަކަށް ޚާއްސަ ޖެޓީއެއް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަލަށް ފެލިވަރުގައި ހުޅުވި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓާއެކު ފެލިވަރުގެ އައިސް ސްޓޯރޭޖް ކެޕޭސިޓީ މިހާރުވަނީ 125 މެޓްރިކް ޓަނަށް އިތުރުވެފައެވެ. އެހެންކަމުން އައިސް ގަތުމަށް ކިޔުގައި މަޑުކޮށްގެން މަސްދޯނިތަކަށް ތިބެންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވޭނެކަމަށް ފެލިވަރުން ވިދާޅުވެއެވެ.