ނ ލަންދޫގައި މަސް ކެއްކުމަށް ބޭނުންކުރާ ތަނެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގައިފިއެވެ.
މިހާދިޘާ ހިނގާފައިވަނީ ލަންދޫ ބާނި ކިޔާ ގޭގައި، މަސް ކެއްކުމަށްފަހު ދިލަ
ޖެއްސުމުގެ މަސައްކަތްކުރާ ބަދިގެއެއްގައިކަމަށް ލަންދޫ ކައުންސިލުން
މައުލޫމާތުދެއްވައެވެ. މިބަދިގެއަކީ އެގޭގެ މީހުން ދިރިއުޅޭ ފަޅި ނޫން އަނެއް ފަޅީގައި ހުރި
ބަދިގެއެއްކަމަށްވެސް ލަންދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ.
ލަންދޫ
ކައުންސިލުގެ ރައީސް މުހައްމަދު އަރީފް ވިދާޅުވީ ރޯވި ބަދިގެ ހުރީ ގެޔާއި ވަރަށް
ކައިރީގައި ކަމުން، އެގޭގެ ފާރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް
ލިބިފައިވާކަމަށެވެ. އަދި ކާ ގޭގެ ބިއްލޫރިތައް ތަޅާއިގެންގޮސް ފައިބާފައިވާކަމަށްވެސް
ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މިރޭ ހަގަޑި
ތިރީސް އެހާކަންހާއިރު ރޯވި މިއަލިފާންގަނޑު ފުލުހުންނާ ރައްޔިތުން ކުރި
މަސައްކަތުން މިރޭ ހަތްގަޑި ތިރީސް އެހާކަންހާއިރު ނިންވާލާފައިވާކަމަށް
ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
މިހާތަނަށް
ބެލިބެލުމުން މިހާދިޘާ ހިނގަން މެދުވެރިވީ މަހަށް ދިލަ ޖެއްސުމަށްޓަކާ ބަދިދޭގެ
އުދުން ރޯކޮށްފައިވަނިކޮށް، އެތާނގައި ހުރި ދަރުތަކެއްގައި އަލިފާން ރޯވެގެންކަމަށް
ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ލަންދޫ
ކައުންސިލުން ދަނީ މިހާދިޘާގައި ލިބުނު ގެއްލުމުގެ ތަފްސީލު ހޯދަމުންނެވެ.