ކުޅިވަރު

ބަލިވުމުން ހިތްހަމަ ނުޖެހޭ، މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެން ޖެހޭނެ: ސާޖިދު


ލަންކާ އަތުން ދިވެހިރާއްޖެ ތަފާތު ބޮޑުކޮށް ބަލިވުމުން ހިތްހަމަ ނުޖެހޭކަމަށާއި، މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެން ޖެހޭނެކަމަށް ކޯޗު މުޙައްމަދު ސާޖިދު ބުނެފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޓީމް ވާދަކުރި އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ ފަންސަވީސް ތޭރަ، ފަންސަވީސް ސާދަ، ފަންސަވީސް ސޯޅައިންނެވެ.

ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ ދެ އަހަރަށްފަހު ޤައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ބޭނުންވި ކަހަލަ ކުޅުމެއް ނުދެއްކުނުކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމުން ކުޑަކޮށް ޕްރެޝަރުގައި ތިބިކަމަށް ފާހަގަކުރެވުނުކަމަށާއި، މި މެޗުގައި ފެނުނީ ވަރަށް އާދައިގެ މިސްޓޭކްތަކެއްކަމަށެވެ. ލަންކާ ފެނުނީ ވަރަށް ވަރުގަދަކޮށްކަމަށާއި، އެހެންނަމަވެސް ދިވެހިރާއްޖެއަށް މިއަށްވުރެ ރަނގަޅު ފައިޓެއް ދެވޭނެކަމަށް ގަބޫކުލުރާކަމަށްވެސް އޭނާ ބުންޏެވެ. ކޯޗު ސާޖިދު ބުނީ ކުރިއަށް އޮތް ދެ މެޗުގައި އަމާޒަކީ މަދުވެގެން ސެޓެއް ލަންކާ އަތުން ހޯދައި ރަނގަޅު ފައިޓެއް ދިނުންކަމަށެވެ.

ލަންކާގެ ކޯޗު ޗަންނަ ބުނީ މާލެއައިސް ރަނގަޅަށް ރެސްޓުކޮށްލަން ފުރުސަތު ނުލިބި ޖެހިގެން އައި ދުވަހު މެޗު ކުޅެން ޖެހުމުން ކުޑަކޮށް އުނދަގޫވިކަމަށެވެ. ނަމަވެސް ކުޅުންތެރިން އެއްވެސް ޝަކުވާއެއް ނުކޮށް މި މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭކަމަށް އޭނާ ބުންޏެވެ. ލަންކާގެ ކޯޗު ބުނީ މި މެޗުގައި ޓީމުން ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ކުރިއަށް ހުރި މެޗުގައި ޓީމުން ދައްކާނެކަމުގެ ޔަގީންކަންވެސް އެބައޮތްކަމަށެވެ.