ކުޅިވަރު

ލާންކާއިން ފަސޭހަކަމާއެކު ރާއްޖެ މައްޗަށް ކުރިހޯދައިފި


ދިވެހިރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޓީމް ވާދަކުރި އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ފެށީވެސް ބޮޑު ލީޑަކާއެކުގައެވެ. ލަންކާގެ ބާރު އެޓޭކަރު ލަސިންދުގެ ބާރު ސާވިސްތައް ރިސީވް ނުކުރެވި ދިވެހިރާއްޖެއަށް ރަނގަޅަށް މެޗު ފެށޭގޮތެއް ނުވިއެވެ. މެޗު ފެށި ގޮތަށް ނެގި ލީޑު ދަމަހައްޓައި ލަންކާއިން ފުރަތަމަ ސެޓު ކާމިޔާބުކުރީ ފަންސަވީސް ތޭރައިންނެވެ.

ފުރަތަމަ ސެޓާއި ޚިލާފަށް ދެވަނަ ސެޓު ރާއްޖެއިން ފެށީ ރަނގަޅަށެވެ. މިގޮތުން ސެޓު ފަށައިން ރާއްޖެއިން ރަނގަޅު ވާދައެއްކުރިއެވެ. މިގޮތުން މެޗުގެ ސްކޯ 9-8ގައި އޮތުމަށްފަހު މަޑު މަޑުން ލަންކާއިން ލީޑް ފުޅާކުރިއެވެ. ޒުވާން ކުޅުންތެރިޔާ މަހެލަގެ ބާރު ހަމަލާތައް ޑިފެންސް ނުކުރެވި ރާއްޖެއަށް މި ސެޓުވެސް ގެއްލުނެވެ. ދެވަނަ ސެޓު ލަންކާއިން ކާމިޔާބުކުރީ ފަންސަވީސް ސާދައިންނެވެ.

މެޗުގެ ތިންވަނަ ސެޓަށް ދިވެހި ޓީމް ނިކުތީ ބަދަލްތަކަކާއެކުގައެވެ. މިގޮތުން މެޗު ފެށި ލިބަރޯ އަޝްފާގް އާދަމްގެ ބަދަލުގައި އަހުމަދު ނައީމް ކުޅެން ނެރުނެވެ. އަދި ނިލާމްގެ ބަދަލުގައި މި ސެޓު ފެށި އާދަމް ނަސީމާއެކުގައެވެ. އެހެންނަމަވެސް މި ސެޓުގައިވެސް ދިވެހިރާއްޖެއަށް މާބޮޑުކަމެއް ނުކުރެވުނެވެ. ފުރަތަމަ 7 ޕޮއިންޓެއްވެސް ހޯދީ ލަންކާ ޓީމުންނެވެ. މި ސެޓުގެ ފަހު ކޮޅު ލަންކާ ޓީމުން ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތުވަނީ ދީފައެވެ. ޒުވާން ކުޅުންތެރިން ދެކޮޅަށް ނިކުތުމުގެ ފައިދާ ނަގައި ފުރަތަމަ ދެ ސެޓާއި ޚީލާފަށް މި ސެޓުގައި ރާއްޖެއިން 16 ޕޮއިންޓް ހޯދިއެވެ. މި ސެޓު ނިމުނީ ފަންސަވީސް ސޯޅައިންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ޓީމް ވާދަކުރި އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާގެ ދެވަނަ މެޗު ކުޅޭނީ މިރެއެވެ. އަދި ފަހު މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެރެއެވެ.