ވިޔަފާރި

ދުންފަތުގެ ބާވަތްތައް ވިއްކުން މުޅިން މަނާކުރުމަށް ނިއުޒިލޭންޑުން މަސައްކަތް ފަށައިފި


ނިއުޒިލޭންޑުގައި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ނިއުޒިލޭންޑުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި 2027 ގައި 14 އަހަރު ނުފުރޭ ކުދިންނަށް އެއަހަރުން ފެށިގެން ދުންފަތުގެ ބާވަތްތައް ވިއްކުމާއި ފޯރުކޮށްދިނުން ޤާނޫނުން މަނާކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ދުންފަތް ހިމެނޭ ބާވަތްތައް ވިއްކުމުގެ ހުއްދަ ދެވޭ ފަރާތްތައް މަދުކުރުމަށާއި، 2025ގެ ނިޔަލަށް ހުރިހާ އުފެއްދުމެއްގައި ނިކޮޓިން މާއްދާ ހިމެނޭ ނިޞްބަތް މަދުކުރުމަށް ހުށަހަޅާފައިވާކަމަށްވެސް އެވުޒާރާއިން ހާމަކުރެއެވެ.

2025ގެ ނިޔަލަށް ނިއުޒިލޭންޑުގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޢަދަދު، އާބާދީގެ 5 އިންސައްތައަށް މަދުކުރުމަކީ އެޤައުމުގެ ޢަމާޒެކެވެ. ނަމަވެސް ދިރާސާތައް ދައްކާގޮތުން އެޤައުމުގައި މިވަގުތު ތިބި 15 އަހަރުން މަތީގެ އާބާދީގެ 11.6 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަލަށް ހުށަހެޅި ފިޔަވަޅުތައް ކަނޑައަޅާފައިވަނީ މުޅި އާބާދީއަށް ދުންފަތުގެ ވަބާއިން އަރައިގަތުމުގެ ފުރުޞަތު ދީ، ބޭނުންވާ ޢަމާޒަށް ވާޞިލުވުމަށްޓަކައި ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

މީގެއިތުރުން ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރެވުމުން، މިވަބާގައި އަހަރެއްގެ މައްޗަށް އެޤައުމުން ގެއްލިގެންދާ 5000 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް ނިއުޒިލޭންޑުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ ނިޞްބަތުން ބަލާއިރުވެސް ބޮޑު ނިންމުންތަކެއް ކަމަށާއި، އޭގެ ސަބަބުން ކުށްކުރާ މީހުން އިތުރުވެ، ކަޅު ބާޒާރުގައި ދުންފަތުގެ ވިޔަފާރި ފުޅާވެގެންދިއުން ފަދަ ގޮންޖެހުންތައް ކުރިމަތިވުން އެކަށީގެންވާކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ. އަދި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ވިޔަފާރިތައް ބަނގުރޫޓުވާނެކަމަށްބުނެ ވިޔަފާރިވެރިންގެ ފާޑުކިޔުން ވަނީ ޢަމާޒުވެފައެވެ. ނަމަވެސް ނިއުޒިލޭންޑުގެ ސަރުކާރުން ބުނެފައިވަނީ މި ބަދަލުތައް ގެންނާނީ ވިޔަފާރިތަކަށާއި ޢާއްމުންނަށް އެކަށީގެންވާ ވަގުތުދިނުމަށްފަހު، ބައިބަޔަށް ބަހާލައިގެން ކަމަށެވެ.

ނިއުޒިލޭންޑުން އަންނަ އަހަރު ނިމުމުގެ ކުރިން ޤާނޫނުގައި ހިމެނުމަށް މަސައްކަތްކުރަމުންދާ މި ބަދަލުތައް ތަންފީޒުކުރާނެ ގޮތުގެ ތަފްޞީލު އެޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިޤަވާޢިދުތަކުން ފަތުރުވެރިންނާއި އެކި ބޭނުންތަކަށް އެޤައުމަށް ދަތުރުކުރާ ފަރާތްތައް އިސްތިސްނާ ވާކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނިއުޒިލޭންޑުގައި މިހާރުވެސް 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. އަދި އެޤައުމަކީ ސިނގިރޭޓް ފޮށީގެ ބޭރުގައި ޚާއްޞަ މިންގަނޑުތަކަކަށް ފެތޭގޮތަށް މަޢުލޫމާތު ހިމެނުން ލާޒިމުކޮށްފައިވާ 17 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.