ޚަބަރު

ބްރިޖު ބޭނުންކުރާ އާއްމު މީހުންގެ އުޅަނދުތަކުން ފީއެއް ނުނަގާނެ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް
ބްރިޖް ނިމި ބޭނުންކުރަން ފަށާއިރު، ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ ފަރާތްތަކުގެ
އަތުން ފީއެއް ނުނެގޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެހެން
ނަމަވެސް ބްރިޖުގައި ޓޯލް ބޫތުތައް ބަހައްޓަވައި، އިގްތިސާދީ ބޭނުންތަކަށް ބްރިޖް ބޭނުންކުރައްވާ
ފަރާތްތަކުން ފީ ނަގާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ބްރިޖުގައި ތިން ޓޯލް
ބޫތު ބަހައްޓަވާ ގޮތައް ވަނީ ނިންމަވާފައިކަމަށް ހައުސިންގ މިނިސްޓަރ
ވިދާޅުވިއެވެ.

ޓޯލް ބޫތަކީ، ބްރިޖް މަތީގައި
ދުއްވާ ވެހިކަލްތަކުން ފީ ނެގުމަށް ކަނޑައަޅާފައިވާ ޚާއްސަ ޕޮއިންޓްތަކެކެވެ.
މާލެއާއި ހުޅުލެއާ ދެމެދު އަޅާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގައިވެސް
ތިން ޓޯލް ބޫތު ބެހެއްޓެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.  ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖް މަތިން ފީ ނަންގަވާނީ،
އިގްތިސާދީ ބޭނުންތަކަށް ބްރިޖް ބޭނުން ކުރައްވާ ފަރާތްތަކުން ކަމަށާއި، އަމިއްލަ
ސައިކަލާ، ކާރުތަކުން ފީ ނެގުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓަށް ބްރިޖުމަތީގައި ދުއްވާ ބަސްތަކުންވެސް
ފީ ނުނަންގަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ވެހިކަލްތަކުން
ފީއެއްގެ ގޮތުގައި ނަންގަވާނީ ކިހާވަރެއްކަން އަދި ނިންމަވާފައި ނުވާކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ.









ބްރިޖްގެ ފުޅާމިނުގައި 20 މީޓަރު
ހުންނައިރު ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް 4 ލޭން ވަނީ ޚާއްސަ ކޮށްފައެވެ. ވެހިކަލްތަކުން
ނަގާ ފީއަކީ، ދެމެހެއްޓެނިވި ފީއަކަށް ވަންޖެހޭ ކަމަށާއި، ބްރިޖް ރަނގަޅަށް
ބެލެހެއްޓޭނީވެސް ފީއެއް ނެގިގެންކަން މިނސްޓަރ ފާހަގަކުރެއްވިއެވެ.
މިކަމަކީ، ރާއްޖެއަށް މުޅިން އާ ކަމަކަށްވާތީ ފީ ނެގުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް
މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.