ޚަބަރު

އަތޮޅުތަކުން 93 މީހުންނާއެކު ކޯވިޑަށް މިއަދު ޕޮޒިޓިވްވީ 125 މީހުން


ރާއްޖެއިން އިތުރު 125 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 125 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން ޕޮޒިޓިވްވި 93 މީހުންނާއި މާލެއިން ބައްޔަށް ޕޮޒިޓިވްވި 23 މީހުންނެވެ. އަދި ރިސޯޓަކުންވެސް 7މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 92،754 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1861 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 140 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 90،625 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3701 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓް ކަމަށްވާ "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.