ޚަބަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭރުން އިތުރުވަނީ: ސަމާލުވޭ!


ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ބިރުދައްކައިގެން ފޭރުމާއި ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ހުށައަޅާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. މިބާވަތުގެ ކުށްކުރާ މީހުންގެ ޓާގެޓަކަށް ވެފައި އޮތީ ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ނޫނަސް އެކި އުމުރުފުރައިގެ މީހުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޭރުމުގެ އަމަލުތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެކިއެކި ބޭނުންތަކަށް މާލެ އަންނަ ފަރާތްތަކާއި އޮޑިދޯނިފަހަރުގައި ތިބޭ މީހުންނާއި މަސްވެރިންނަށް އަމާޒުކޮށްގެންވެސް އެފަދަ ޢަމަލުތައް ހިންގަމުން އަންކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ޝިފާއު ވިދާޅުވީ މިފަދަ ކަންކަން ކުރަމުން އަންނަނީ މީގެ ކުރިންވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އަދި ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކުންކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންވެސް ބައިވެރިވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ތަހްޤީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރެއިން މިފަދަ 6 މައްސަލައަކީވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެކެވެ. މި މައްސަލަތަކުގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ 21 އަހަރުން މަތީގެ ފިރިހެނުންނެވެ. ފުލުހުން ވިދާޅުވީ މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކުމާއި އަނިޔާ ލިބޭފަރާތަށް ބިރުދައްކައިގެން ބަރަހަނާކޮށް ވީޑިއޯ ނެގުމަށްފަހު ފައިސާ އަތުލާފައިވާ މީހުންކަމަށެވެ.

ފުލުހުން ވަނީ މިފަދަ ގިނަ މައްސަލަތައް ހިންގަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް ކަމަށްވާ ވައިބަރއާއި ސްނެޕްޗެޓާއި ޓެލެގްރާމް ބޭނުންކޮށް ޗެޓްކުރުމަށްފަހު ގާތް ގުޅުންތައް އުފެއްދުމަށްފަހުކަން ފާހަގަކުރައްވާފައެވެ. އަދި ޗެޓް ކުރުންފަދަ ކަންކަން އަންހެނުން ލައްވައި ކުރުވުމަށްފަހު ބައްދަލުކުރަން ބޭނުންވާ ހިސާބުން ފޭރުމުގެ ހާދިސާ ހިންގާކަމަށާއި އެކަމަށް ދުރާލާ އިތުރު މީހުން ހިމެނޭ ގުރޫޕްތަކުން ތައްޔާރުވެފައި ތިބޭކަމަށެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތައް އިތުރުވިނަމަވެސް ރިޕޯޓް ކުރާ މިންވަރު މަދުކަމަށެވެ. މިހާތަނަށް ތަޙްޤީގަށް ފާހަގަވެފައިވާ ގޮތުން އެފަދަ މައްސަލަތައް ރިޕޯޓް ކުރުން މަދުވަނީ ނުވަތަ ނުކުރަނީ އަނިޔާ ލިބޭ ފަރާތުގެ ބަރަހަނާ ވީޑިއޯ ފޮޓޯތައް އެމީހުންގެ އަތުގައި ހުރުމުގެ ސަބަބުން ނުކެރިގެންކަމަށެވެ. އަދި ކަން ހިނގައިދާ ގޮތްތައް ކިޔާދޭން ބޭނުންނުވާ ހާލަތްތައްވެސް އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ ރިޕޯޓް ކުރުމަށާއި ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.