ޚަބަރު

އދ.ކުނބުރުދޫގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފި


އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ. މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، ކުނބުރުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔ .އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހް އާއި، އެމް.ޑަބްލިޔު .އެސް.ސީގެ ބޯޑު މެންބަރ އިބްރާހިމް އަންވަރު އާއި، މަތިވެރި ދާއިރާގެ މެންބަރ ޙަސަން ޒަރީރުއާއި ކުނބުރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢަޒްމީއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މިމަޝްރޫޢުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދޫއަށް ފޮނުވައި، ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިމަސައްކަތް ކުރަމުންދާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހާމަކުރައްވައެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 75.2 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 30.2 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި ،2 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 12.45 މިލިއަން ރުފިޔާއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކުނބުރުދޫގެ ރައްޔިތުންނަށް ސާފް ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.