ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި ވަގުތީ މިސްކިތް ހުޅުވައިފި


ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރި މަސްޖިދު އަބީ ބަކްރިއްސިއްދީޤް މިސްކިތް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ހުޅުވައިދެއްވައިފިއެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ދެވަނަ މިސްކިތެވެ.

600 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިމިސްކިތަކީ ހިޔާ ފްލެޓް ސަރަޙައްދުގައި އުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ބިނާ ކުރި މިސްކިތެއްކަމަށެވެ. އަދި މިސްކިތްތައް އިމާރާތްކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހުރިހާ ބޭފުޅުންވެސް ޤަވާޢިދުން ނަމާދު ޤާއިމްކުރުމަށް ސަމާލުވެލައްވާ. އަދި މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިފަދަ ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ދޭ." މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫ ކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުއެވެ.